ވާހަކަ

ރީތީ ހީނލީމާ

(އެގާރަވަނަ ބައި)

އާތިފާގެ ކޮންމެ ޖުމުލައަކުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އެކަން ބޭރަށް ނުދައްކާ ވޭތޯ ބަލަމުން ދިޔައީމެވެ.

"ބޯގޯސް." ފިނާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފިނާގެ ވިސްނުން އެނގުނީތީއެވެ. އެ ހިތްހަމަ ޖެހުން ލިބުނެވެ.

"އެ ނިޝާން. އެ ބުނީ ތެދެއްތަ؟" ކަމެއް ހަނދާންވުމުން އަހައިލާ ގޮތަށް ފިނާ އަހައިލިއެވެ.

"މޮޔައެއްގެ ވާހަކަތައް ގަބޫލުކުރާނީ އެއަށްވުރެ ބޮޑު މޮޔައެކޭ މީހުން ބުނެއެއްނު." އަހަރެން ބެލީ ވާހަކަ ބަދަލުކޮށްލެ ވޭތޯއެވެ.
ލަސް ފިޔަވަޅުތަކެއް އަޅަމުން ގެއާ ހަމައަށް އާދެވުނީ ދިހަވަރަކަށް މިނެޓުވީ ފަހުންނެވެ.

"މުޅި ދުވަސް ހަރާބު ވެއްޖެ." ކޮޓަރިއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފިނާ ބުނެލިއެވެ.

"ކާކު މި ގުޅަނީ؟" ފޯނު ވައިބުރޭޓުވާން ފެށުމުން ފޯނު ނަގައި ބަލައިލީމެވެ.
ފިނާ އިށީނީ އެނދުގައެވެ. އޭނާ އިނީ އަހަންނާ ދިމާއަށް ބަލާށެވެ.

"ދަންނަ ނަންބަރެއްތަ؟" ފިނާއަށް ފޯނު ދައްކާލަމުން އަހައިލީމެވެ.

ފިނާ ބޯ ހޫރައިލިއެވެ. ލޮލަށް ގޮތެއް ހަދައިލަމުން ނިތަށް ދެތިން ރޫ އަރުވާލަމުންނެވެ. ދެ ފިކުރެއްގައި ހުރެ ފޯނު ނެގީމެވެ.
"ޝަރީ މި ކޮޅަށް އައިސް އަންގައި ވެސް ނުލާ. މަވެސް ރަށުގައޭ މި ހުރީ. ހިނގައިބަލަ ކޮފީއަކަށް އަރަން." ފޯނު ނެގި އިރަށް އެކޮޅުން ވާހަކަދައްކަން ފެށިއެވެ.

"ކާކުބާ؟" އަހަންނަށް އަހައިލެވުނެވެ.

"ސާބަސް މީ. ނިޔާއޭ. ނިޔާޒޭ. ހަނދާން ވެއްޖެތަ؟ ގްރޭޑް ދިހައެއްގެ ކުލާހުން، ސްކޫލުގައި އުޅުނު އިރު ދިމާވި. އަހަންނަށް މިއަދު އެނގުނީ ޝަރީ މިކޮޅަށް އައިސް އުޅޭކަން ވެސް. ސިރާ ބުނީމަ އެނގުނީ ވެސް." ގާތް ގޮތަކަށް ނިޔާޒު ބުނެލިއެވެ.

"އޯހް. ނޭނގޭނެއްނު. ލައްކަ ޒަމާން ވެއްޖެއްނު ނުފެންނަތާ؟" އަހަންނަށް ހީނލެވުނެވެ.

"މި ހުރީ ތި ގެ ކައިރީގައޭ. ނުކުމެ ބަލަ." ނިޔާޒު ފޯރީގައި ބުނެލިއެވެ.

"ވައިފާއެކު އޭ މި އުޅެނީ." އަހަންނަށް ބަލައިލެވުނީ ފިނާގެ މޫނަށެވެ.

ފިނާ ވެސް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުންނެވެ. ބުމައިން ދެތިން ހަރަކާތް ކޮށްލަމުން ފިނާ ސުވާލެއް ކޮށްލިހެން ހީވިއެވެ. ފޯނުގެ ސްޕީކަރުގައި އަތް އަޅައިމުން ފިނާއަށް ބުނެދިނީމެވެ.

"ބޭނުމީ ރެސްޓުކޮށްލަން. ކުޑަކޮށް ވަރުބަލި، ނިދައިލާ ހިތްވަނީ، ޝަރީ ގޮސްލަންވީނު. އަހަރެން ނިދައިލާނަން." މޫނަށް ދެތިން ރޫ އަރުވާލަމުން ލަސްލަހުން ފިނާ ބުނެލިއެވެ.

ނިޔާޒަށް ޖަވާބު ދެމުން ފޯނު ބޭއްވީމެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ފިނާ ގާތުގައި އިށީނީމެވެ. އޭރު ފިނާ އެނދުގައި އޮށޯވެ ހަމަޖެހިލަނީއެވެ.

"އޯކޭތަ ހަމަ؟" އަހަރެން ސުވާލު ކޮށްލީމެވެ.

ފިނާގެ ނިތްކުރީގައި ފިރުމައިދެމުންނެވެ. ފިނާ ލޯ މަރައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ހަރަކާތްކޮށްލިއެވެ.

"އަހަރެން ރެސްޓުކޮށްލާން ބޭނުން ވަނީ." ފިނާ ލުއި ގޮތަކަށް ބުނެލިއެވެ.

"މާ ބޮޑަށް ވިސްނަނީތަ؟" ހިތުގައި ނުބައި ގޮތަކަށް ވިންދު ޖަހައިލިއެވެ.

ކޮންމެވެސް ކަމެއް ގޯސްވަނީއޭ ހިތް ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ބަލައިލީމެވެ. ފިނާގެ މޫނަށެވެ. އެ މޫނުމަތިން ފެންނަން ހުރީ ހާސްކަމުގެ ކުލަވަރެވެ. ވަރުބަލި ކަމުގެ ނިޝާންތަކެވެ.

"ހަމަ ދާންވީ؟" ހިތްހަމަ ނުޖެހެވިގެން އަހައިލާ ފަދަ ގޮތަކަށް އަހައިލީމެވެ. "އަނެއްކާ ވެސް ނިޔާ އެ ގުޅަނީ."

"ދޭބަލަ. އަހަރެން ހިތްހަމަ ނުޖެހިގެންނެއް ނޫނޭ މި ބުނީ. އަހަރެން ނިދައިލަން ބޭނުންވަނީ. އޭރުން ޝަރީ ވެސް ފޫއްސެއް ނުވާނެއްނު."

ކޮޓަރި ނުކުތުމުގެ ކުރިން ވެސް އަހަންނަށް ފިނާގެ މޫނަށް ބަލައިލެވުނެވެ. ފާޑަކަށް ހިތްތެޅެމުންދާތީއެވެ. ބުނަން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވެމުންދާތީއެވެ. މީހާގެ ވިންދު އަވަސްވާހެން ހީވާތީއެވެ. ދޭތެރެ ދޭތެރެއިން މޭ ތެޅި ގަންނަ ގޮތްވާތީއެވެ.
ނިޔާޒު އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ފެނުމުން އޭނާ ހިނިތުންވެލިއެވެ. ސައިކަލްގެ ފަހަތަށް އިޝާރާތްކޮށްލިއެވެ. ސައިކަލަށް އެރުމާއެކު އޭނާ ދުއްވަން ފެށިއެވެ.

"މި ނައްޓައިލީ ކޮފީއަކަށް. އޯކޭ." ސައިކަލް ދުއްވަން ފެށިއިރަށް ނިޔާޒަށް ފޯނެއް އައެވެ.
އެއް އަތުން ކަންފަތުގައި ފޯނު ޖައްސައިގެން އިނދެ އޭނާ ފޯނަށް ޖަވާބުދިނެވެ.

"ސިރާ އެ ގުޅީ." ފޯނު ބާއްވަމުން ނިޔާޒު ބުނެލިއެވެ. "ކުޑަކޮށް ރަށުތެރެ ބަލައިލުމަށްފަހު ދޯ ދާނީ."

"ތި ރަނގަޅު ކަމެއް، އަދި އަލަށް މި ރަށަށް މިއައީ." އަހަރެން ވެސް ބޭނުންވީ އެގޮތެވެ.

ހެޔޮވަރު ދުވެއްޔެއްގައި ސައިކަލް ދުއްވަމުން ދިޔައެވެ. އެއް މަގު ފަސްދީ އަނެއް މަގުންނެވެ. ގޯޅިތަކުންނެވެ. އަހަންނަށް އިނދެވުނީ ބަލާށެވެ. މާހައުލުގެ ހިތްގައިމު ކަމުންނެވެ. އަހަރުމެންގެ ރަށާއި މި ރަށުގައި ހުރި ތަފާތުތަކާ މެދު ވިސްނާށެވެ. މަގުތަކުގެ އަޑިގުޑަންކަމާއި ކޯރު ހެދިފައިވާ ގޮތުން ދުއްވަން އުނދަގޫވާތީ އެކަމާ މެދުގައެވެ.

"ކިހިނެއް ކޮންތާކުތަ ތި އުޅުނީ؟" ދެމީހުންގެ މެދުގައިވާ ހިމޭންކަން ކަނޑައިލަން ސުވާލުކޮށްލެވުނެވެ.

"މަ ތަ؟" ނިޔާޒު ހިނިގަނޑެއް ޖަހައިލިއެވެ.

"އާނ، ދެން ކާކު؟" އަހަރެން ވެސް ހޭން ފެށީމެވެ.

"މަ އޭރު ކިޔަވާ ނިންމާލި ގޮތަށް ރަށަށް އައީ، ދެން އެގޮތް މިގޮތަށް އުޅުނީ." ނިޔާޒު ސައިކަލް މަޑުކޮށްލިއެވެ.
އޭނާ އިޝާރާތްކޮށްލީ ކުރިމަތީހުރި އިމާރާތަށެވެ. އަހަންނަށް ބަލައިލެވުނެވެ. އެއީ ތަފާތު ފަރުމާއަކަށް ބިނާކޮށްފައި ހުރި ރީތި ތަނެކެވެ. އިމާރާތަށް ބަލައިލުމުން އެއީ ރެސްޓޯރެންޓެއް ކަން ކަށަވަރުވާނެ ފާހަގަތައް ފެންނަން ހުއްޓެވެ.

"ހިނގާ އެތެރެއަށް. މި ތަން ތަންކޮޅެއް ސަޅިވާނެ." ނިޔާޒު ހިނގައިގަތެވެ.

ނިޔާޒުގެ ފަހަތުން ހިނގައިގަތީމެވެ. ވަށައިގެން ކަޅި އުކަމުންނެވެ. ދޮރާހަމައަށް ދެވުނު އިރަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ކޮފީގެ ހިތްގައިމު ވަހުންނެވެ.

"ކީއްތަ ކުރަނީ މިހާރު؟" މޭޒު ކައިރީ ހަމަޖެހިލަމުން އަހަރެން އަހައިލީމެވެ. "މަށަށް މާ ގިނައިންދޯ ސުވާލު މި ކުރެވެނީ؟"

"ނޫނޭ. ނުފެނި މިހާ ގިނަ ދުވަސްވީމަ ސުވާލު ހުންނާނެއްނު." ނިޔާޒުގެ ރަސްމީ ރާގުގައި އޭނާ ބުނެލިއެވެ.

"ޝަރީއަށް އެނގެއެއްނު މަގޮލާ ގޮތް، މަ ގޮލާއަކީ ކާކުކަން،" ނިޔާޒު ލުއި ގޮތަކަށް ހިނިތުންވެލިއެވެ. "މަ މި ޝަރީ ކަހަލަ ސާލިހު މީހެއް ނޫނެއްނު."

"ހަނދާން ވެއްޖެ. ކިހިނެއްތަ އެކަންތައް ނިމުނީ؟" ނިޔާޒު ދައްކާ ވާހަކަތައް ހަނދާންނަށް އައުމުން އަހައިލީމެވެ.

"ކަލޯގެޔާ ވީގޮތް އެނގޭތަ؟ އެންމެ ފަހުން ބަޓުވީނު. ހުރިހާ ކަމެއް ފަޅާއަރައިގެން ބޮނޑި ލިބުނީ މަގޮލާއަށް." ސިނގިރޭޓު ރޯކޮށްލަމުން ނިޔާޒު ބުނެލިއެވެ.

"ތިބުނީ؟" ޝައުޤުވެރިކަމާއެކު އަހަންނަށް ބަލައިލެވުނީ ނިޔާޒުގެ މޫނަށެވެ.

ނިޔާޒު އަމިއްލަ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާއަޅައިލިއެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ނަގައި ކަންފަތުގައި އަޅުވާލިއެވެ. އޭނާގެ ކަރުގައި އަޅައިފައި އޮތް ޗޭނު ފާޑުގެ ފަށަފޫ އޮތީ ގަމީހުން ބޭރުގައެވެ. އޭނާ އޭގައި އިނގިލި އަޅުވާލަމުން ސިނގިރޭޓުގެ ދުންތައް މައްޗަށް ފޮނުވާލިއެވެ.

"މި ބުނީ އެ ކޭސްގަ މަ ބަޓްވެގެން ޖަލުގަ އޮންނަން ޖެހުނޭ. ދެން ބޭބެމެން އެގޮތް މިގޮތުން އަހަރެއް ވީއިރަށް މަ ގޮލާ ސަލާމަތްކޮށްފި." ފަހުރުވެރި ވެލަމުން ނިޔާޒު ބުނެލިއެވެ.

"އެހެންތަ؟"

"އޭގެ ފަހުން އެކަން ހުއްޓައިލައިފިން." އަނެއްކާ ވެސް ސިނގިރޭޓުގެ ދުންގަނޑު މައްޗަށް ބުރުވާލަމުން އޭނާ އަހަންނަށް ބަލައިލިއެވެ. "މަ ޑީލް ކުރުން ހުއްޓައިލާ ވަރަށް އިސްލާހު ވެއްޖައިން."

"މެރީކުރީތަ؟"

"އަދި ތިކަން ނުވޭ. ސަމުސަލަށް ނާރާ. އަރާ އެއްޗެއް ވެސް ކަމަކު ނުދޭ." ދެ މާނަ ދޭހަވާ ގޮތަށް ނިޔާޒު ބުނެލިއެވެ.

"ދެން ކީއް ކުރަނީ މިހާރު؟" އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ.

"ކަމެއް ނެތްހަމަ. ވަރަށް ވައި." ނިޔާޒު އަނެއްކާ ވެސް އަހަރެން މޫނަށް ބަލައިލިއެވެ.

"އެހެންތަ؟" ދައްކަންވީ ވާހަކައެއް ނޭނގުމުން އަހަރެން ބުނެލީމެވެ.

"ސިރާ ބުނި ވަރަށް ސަޅި މަންޖެއަކާއޭ އިނދެގެން އުޅެނީ. އަހަންނަށް ދައްކާ ވެސް ނުލާނަންތަ؟" ނިޔާޒު ހޭންފެށިއެވެ. "މަ ހީ ކުރީ ޝަރީ މަ ދެކެ ރުޅި އައިސް ހުންނާނެކަމަށް."

"ކޮން ކަމަކާ؟" އަހަންނަށް ޖަވާބު ދެވުނީ ނިޔާޒުގެ ދެވަނަ ސުވާލަށެވެ.

"އޭރު ވީކަންތަކާ. މި ބުނީ އެ މަންޖެގެ މައްސަލަގަނޑުގަ."

"އެ ހަމަ މަށަށް ރަނގަޅަކަށް ވީކަމެއް. މަ ވަރަށް އުފާ ވެސް ވި އެ މަންޖެ ކިބައިން ސަލާމަތްވީމަ. އެހެން ނޫނަސް މަށެއް ނުވެސް އުޅެން. އޭނާ މާ މަތިން ބައިން ޖެހިގެން އުޅުނީނު." ނިޔާޒު ދެއްކި ވާހަކަތައް ހަނދާންވުމުން ބުނެލީމެވެ.

"ފައްކާ މަންޖެއެއް. ކުޑަކޮށް ސައިކޯ ކަންނޭނގެ. އެހެން ނޫންނަމަ ޓަތްކެއް ޖަހައިލާހާ ފަސޭހައިން ސެޓުވާނެތަ؟" ނިޔާޒު އަނގައިގެ ވަރު އެލުވާލައިގެން އިނދެ ބުނެލިއެވެ.

"މަށަށް ހީވަނީ ނިޔާ ވެސް ދެން ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފަށަންވީހެން. މިހާރު ޒުވާންކަމުގެ ފައިދާ ވެސް ނެގިއްޖެއްނުދޯ." ނިޔާޒަށް ވިސްނައިދެވޭތޯ ބެލީމެވެ.

"މަށާ އިންނާނީ ވެސް ކާކު؟" ނިޔާޒު ފާޑަކަށް ހޭންފެށިއެވެ. "މި ހުރީ މަގޮލާ ހުރިގޮތް. ސަޅި ބިޓެއް ގާތު އަހައިލާއިރަށް ބުނާނެ ގައިގަ ގަމީސް ހަރެއް ނުލައޭ، ޖީންސު އޮންނަނީ ސޮހިފައޭ، ދެ ލޯ ނުހުޅުވެޔޭ. އަނގައިގަ ވަރެއް ނުހުރެޔޭ."

"އެ ކަން ވެސް ރަނގަޅު ކުރެވޭނީ މީހާ ހަރުދަނާ މީހަކަށް ވެގެންނެއްނު." ނިޔާޒަށް ވިސްނައިދެވޭތޯ ބެލީމެވެ.

"ކިހިނެއްތަ އެގޮލައިންނަށް އެނގޭނީ މަށަށް ކަމެއް ނުވާކަން؟ މަ ވެސް މި ފިރިހެނެކެއްނު."

"ނިޔާ މިޒަމާނުގަ ކޮންމެ ކުއްޖަކު ވެސް ވިސްނާނެ މެރީކުރުމުގެ ކުރިން. މި ބުނީ ލައިފެއް ފަށަނީ ކުޅޭކަށް ނޫން. އެކު އުޅެން. ދިރިއުޅެން. ކޮންމެ މީހަކު ވެސް ބަލާނެ ދިރިއުޅެވޭނެ ފެންވަރުގެ މީހަކާ އިނދެވޭތޯ. އަމުދުން ކުދިންގެ އާއިލާއިން، މައިންބަފައިން އެކަމަށް ބާރުއަޅާނެ. ތިމާގެ ދަރިފުޅު ދޫކޮށްލެވެނީ ކިހާ ވަރެއްގެ ކިހާ ފެންވަރެއްގެ މީހެއްގެ އަތްމައްޗަށްތޯ އެމީހުން ބަލާނެ." އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. "މިރަށަކީ ނުލާހިކު ޢިލްމީ މީހުން ގިނަ ރަށެއް. ތަހުޒީބީ މީހުން އުޅޭ ރަށެއް. ތަރައްގީއަށް ލޯބިކުރާ ހޭލުންތެރި ބަޔަކު އުޅޭ ރަށެއް. އެހެންވީމަ އެމީހުން ލޯބިން ބޮޑެތި ކުރާ ދަރިންނަށް ދެރައެއް ލިބޭނެ ގޮތެއް ވިޔަކަ ނުދޭނެއްނު."

"ކަލޭގެ ތި ވިސްނުން ބަދަލެއް ނުވޭތަ؟ މަހީކުރީ ވިހި އަހަރު ފަހުން މިހެން ބައްދަލުވާއިރު ކަލޭގެ ވިސްނުން ބަދަލުވާނެ ކަމަށް،" ނިޔާޒު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "އިހުލާސްތެރި މީހުންނަށް އަބަދުވެސް ލިބެނީ ބޮނޑި."

ނިޔާޒުގެ ރާގު ބަދަލުވުމުން އަހަރެން ވާހަކަދައްކާ ހިތް ކެނޑުނެވެ. އޭނާގޮތް އެނގޭތީއެވެ.

"ކައޭއަށް ވެސް ވިސްނޭނީ މި ބުނާއެއްޗެއް މާ ފަހުން،" ނިޔާޒު ތެދުވިއެވެ. "ކޮފީއަކަށް މިހެން އަރައިގެން އޭގެ އަގު ނުލިބޭ ގޮތަކަށް މަ އުޅޭނެތަ؟ ނޫޅޭނެ. މަ މީ އެއަށް ވުރެ މާ އަމިއްލަ އެދުން ބޮޑު މީހެއް. މާ ނުލަފާ މީހެއް. ކައޭއަށް މިކަން އެނގޭނެ." (ނުނިމޭ)