ވިޔަފާރި

ދުނިޔޭގެ ބާޒާރުގެ އަގުތައް 41 ޕަސެންޓް ދަށަށް ގޮސްފި

އެއް އަހަރުތެރޭ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 41 ޕަސެންޓް ދަށަށް ގޮސްފި އެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑް (އައިއެމްއެފް) އިން ނެރޭ ކޮމޯޑިޓީ ޕްރައިސް އިންޑެކްސްއާ ހަވާލާދީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނީ އަހަރު ދުވަހުގެ ތެރޭގައި ތަކެތީގެ އަގުތައް 41 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ނުވަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

"މީގެ މައިގަނޑު ސަބަބަކީ ތެލާއި ކާ ތަކެއްޗާއި މައުދަނުގެ އަގު މި މުއްދަތުގެ ތެރޭގައި ދަށަށް ދިއުމެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށަށް ގޮސްފައިވާއިރު، ރާއްޖޭގެ ބާޒާރުގައި ވެސް އަހަރު ދުވަހަށް ބަލާނަމަ އަގުތައް ނިސްބަތުން ވަނީ ދަށަށް ގޮސްފަ އެވެ. އަހަރު ދުވަހަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓަވަނީ 1.5 ޕަސެންޓް ދަށްވެފަ އެވެ.

"އޮގަސްޓް މަހު އިންފްލޭޝަން ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ގޭގެ ފަރުނީޗަރުގެ އަގުތަކާއި ހިފާ ގެންގުޅޭ ސާމާނުގެ އަގު ދަށަށް ދިއުމާ ގުޅިގެންނެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.