ހަބަރު

ބޮޑުފިނޮޅު: މައްސަލަ ބަލަން ޕީޖީ އަމުރެއް ނެރެދޭން އެދިއްޖެ

ބ. ބޮޑުފިނޮޅު ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު ބިދޭސީންނާއި ގުޅޭގޮތުން ގާނޫނީ ވަކީލުން ތައްޔާރުކޮށްފައިވާ ވަގުތީ ރިޕޯޓުގެ މައްޗަށް އަލިއަޅުވައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރުގެ ދަށުން މި މައްސަލަ ތަހްގީގުކޮށްދިނުމުގެ އަމުރަކަށް އެދިއްޖެ އެވެ.

ބޮޑުފިނޮޅުގައި މިމަހުގެ ތިން ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީންގެ ފަރާތުން ކިޔައިދިން ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި މިހާރު ހައްޔރުކޮށްފައި ތިބި ބިދޭސީންނަކީ ހައްޔަރުގައި ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ބިދޭސީންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ހާދިސާ ހިނގި ގޮތާ ގުޅެގޮތުން ވަކީލުންގެ ޓީމުން ތައްޔާރުކޮށްފައިވާ ވަގުތީ ރިޕޯޓު މިހާރު ޕީޖީއާ ހިއްސާ ކޮށްފައިވާނޭ ކަމަށާއި އެހެން ކަމުން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ގާނޫނީ ގޮތުން ޕީޖީއަށް ލިބިދީފައިވާ ބާރުގެ ދަށުން މިމައްސަލަ ތަހްގީގުކުރުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.

މުސާރަ ނުދޭ މައްސަލާގައި ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ބަޔަކު މުޒާހަރާކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އަދި މި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް މުޒާހަރާ ހުއްޓުވުމަށް ދިޔަ ފުލުހުންނާ ކުރިމަތިލާފަ އެވެ. މި ކުރިމަތިލުމުގައި ބައެއް ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. މި މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަުގެ މުއްދަތު ޖަހާފަ އެވެ. އަދި މިވަގުތު މި ބިދޭސީން ވަނީ ދޫނިދޫއަށް ބަދަލުކޮށްފަ އެވެ.

ދޫނިދޫގައި ތިބި ބިދޭސީންނާއި ބައްދަލުކުރުމަށްފަހު ވަކީލުންގެ ޓީމުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ކަންހިނގައިދިޔަ ގޮތް މިހާތަނަށް ބެލި ބެލުމުން ހައްޔަރުކޮށްފައިތިބި 19 ބިދޭސީންނަކީ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރިމަތިލި މީހުން ކަމަށާއި އެހެންކަމުން އެމީހުންނަކީ ހައްޔަރުގައި ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ. އަދި ހައްޔަރުގައި ތިބެންޖެހޭނީ އެ ބިދޭސީންނަށް ބިރުދައްކައި މަރުގެ އިންޒާރާއި، މުސާރަ ނުދީ ޑީޕޯޓު ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހުން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސީލް ކުންފުންޏަށް ތުހުމަތު

ބިދޭސީން މުސާރައިގެ މައްސަލާގައި ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ މީހުންނަށް އެކި ގޮތްގޮތުން ބިރުދެއްކި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން މުސާރަނުދީ ޑީޕޯޓު ކޮށްލާނެ ކަމުގެ އިންޒާރާއި ކަރުބުރިކޮށްލާ މަރާލުމަށްފަހު އަނބިދަރިން ބިކަކޮށްލާނެ ކަމުގެ އިންޒާރު ސީލް މޯލްޑިވްސްގެ އިސް މީހުން ދެމުންދާ ކަމަށް ބިދޭސީން ތުހުމަތު ކުރާ ކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފަ އެވެ.

ފުރަތަމަ މުޒާހަރާ ކުރި ދުވަހު ތުޅާދޫންނާއި އޭދަފުށިން ފުލުހުން ފޮނުވައި ބިދޭސީންގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ބިދޭސީން ބުނެފައިވާ ކަމަށާއި އޭގެ ފަހުން އެކި ދުވަސްމަތިން ތުޅާދޫން ގޭންގް ގުރޫޕްތައް ފޮނުވާ އެމީހުންނަށް ބިރު ދައްކާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ވެސް ގޯސް

މި މައްސަލާގައި ބިދޭސީންނަށް އެހީތެރިކަން ދެމުންދާ ގާނޫނީ ވަކީލެއްގެ ފޯނަށް ފުލުހުންގެ އިންވެސްޓިގޭޓަރަކު ކަމަށް ބުނެ މީހަކު ގުޅި ކަމަށާއި އަދި ތިމަންނާއަކީ ބޮޑުފިނޮޅު މައްސަލާގައި އޭދަފުށީ ޕޮލިސް ސްޓޭޝަނުން މައްސަލަ ބެލުމާއި ހަވާލުވެހުރި އައިއޯ ކަމަށާއި، ވަކީލުންގެ ބަޔާނުގައި ހުރި ވާހަކަތަކަކީ ހުސްދޮގު ކަމަށް ބުނި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ބޮޑު ފިނޮޅު މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާންޖެހެނީ ކީއްވެތޯ އާއި ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގެ ސަބަބުން ކޯޓުތަކާއި ފުލުހުންގެ މުއައްސަސާގެ ނަމަށް ހުތުރުވާ ކަމަށާއި، މީހަކު އެއްޗެއް ބުނާއިރަށް ތެދު ދޮގު ނުބަލާ ލިޔަން ނުޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ތިމަންނާވެސް ދެން ލިޔާނީ ބޭނުން އެއްޗެއް ކަމަށް ފުލުހުންގެ އައިއޯ ކަމަށް ބުނެ ގުޅި މީހާ ބުނެފައިވާ ކަމަށްވެސް އެ ބަޔާނު ބުނެ އެވެ. އަދި ވަކީލުން ނެރުނު ބަޔާން ބަދަލުކުރުމަށް ފުލުހުން ނުފޫޒް ފޯރުވާފައިވާ ކަމަށާއި އަދި ބ. އަތޮޅު ފުލުހުންގެ ފަރާތުން މި މައްސަލައިގެ މުހިންމު ހަގީގަތްތަކެއް ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.