ހަބަރު

އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ

Jul 18, 2020

މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ދިއުމާ ގުޅިގެން، އެ ދޯނީގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލެއާއި 17 ނޯޓިކަލް މޭލު އިރުން، މާލެ އަތޮޅު ހުރާ މަސްކަނދުފަތި ކައިރިން މަސްވެރިކަން ކުރަން އުޅުނު ދޯނި، އަޑިއަށް ދިޔައީވ މޫސުން ގޯސްވެ ކަނޑު ގަދަ ވުމުގެ ސަބަބުން ދިޔަވެގެން ކަމަށެވެ.

އެ ހާދިސާގެ ސަބަބުން އެ ދޯނީގައި ތިބި ނުވަ މީހުން ކަނޑުވެފައިވެ އެވެ.

އަޑިއަށް ގޮސްފައިވަނީ "ކަނޑުރޯދި" ނަމަކަށް ކިޔާ މަސްދޯންޏެކެވެ.

އެގޮތުން، އެ ދޯނި އަޑިއަށް ދިޔުމާއި ގުޅިގެން މިދޯނީގެ ބައިތައް އޮޔާ ދާތީވެ މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑިޔަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ގެންދަނީ އިރުދެކުނަށް ވާގޮތަށެވެ،" ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުމިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުން އެމްއެންޑީއެފުން އިތުރަށް ބުނެފައިވެ އެވެ.

ކަނޑުވި ނުވަ މީހުންގެ ތެރޭގައި، ފަސް ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭއިރު، އެ މީހުން މިހާރު ވަނީ މާލެ ގެނެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.