ބޮޑު އީދުގެ ޗުއްޓީ ލިބުނު ކަމުގައި ވިޔަސް އީދު ބަންދުގައި ރަށުން ބޭރަށް ނުދާން އެޗްޕީއޭ އިން އެދެފި އެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކުރިއަށް އޮތް އީދު ޗުއްޓީއަށް ރަށްރަށަށް ދާން އެދި ގިނަ ބަޔަކު އެދޭ ކަމަށެވެ. ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ޒަރޫރީ ބޭނުމެއް ނެތިއްޔާ ރަށްރަށަށް ދަތުރު ނުކުރުން ކަމަށާއި އީދު ޗުއްޓީ ލިބުނު ކަމުގައި ވިޔަސް އީދު ބަންދަށް ރަށްރަށަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
"ވަރަށް އަހަންމިއްޔަތު ކަމެއް ދީގެން ރަށްރަށުގެ އެޕިޑެމިކް ހިފެހެއްޓޭތޯ މަސައްކަތް މި ކުރަނީ، އެހެންވީމަ އާއްމު ފަރުދުން ވެސް މިގޮތަށް ވިސްނަވަން ވާނީ ސީދާ ޒަރޫރީ ބޭނުމެއް ނެތިއްޔާ ރަށްރަށަށް ދަތުރު ނުކުރުން އެންމެ ރަނގަޅު ގޮތަކީ، ކޮންމެ ގޮތެއް ވިޔަސް އީދު ޗުއްޓީގައި ރަށަށް ދިޔަ ކަމުގައި ވިޔަސް 14 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ޖެހޭނީ އަދި ކަރަންޓީނު ނިމުމުގެ ކުރިން މާލެ އަށް އާދެވޭނީ އެއްވެސް ނޫން" ޝަހީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވީ، ރަށްރަށް ރައްކާތެރި ކުރެވެން އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ ދަތުރު ކޮށްފައި ރަށަށްދާ މީހުން 14 ދުވަހުގެ ކަރަންޓީނުގައި ތިބެފައި ޓެސްޓު ކުރުން ކަމަށާއި އެކަންކަމަށް ނުބަލާ ކަމުގައިވާނަމަ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެކަހަލަ މައްސަލަތަކުގެ ޝަކުވާ ވެސް އެޗްޕީއޭ އަށް މިހާރު ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބޮޑު އީދާ ދިމާކޮށް ބޮޑު ޗުއްޓީ އެއް ލިބެ އެވެ. މިނިވަން ދުވަސް ވެސް ދިމާވަނީ އެއް ހަފުތާއަކަށް ކަމަށް ވުމުން، އެ ހަފުތާގެ ތިން ދުވަސް ވެސް ބަންދުވާނެ އެވެ.
މި މަހުގެ ފަހު ހަފުތާގައި ބަންދުވާނީ 26 އާއި އެ ދުވަހުގެ މުނާސަބަތުގައި ބަންދުކުރާ 27 ވަނަ ދުވަހުގެ އިތުރުން ހައްޖު ދުވަސް، 30 އެވެ. މި މަހުގެ 28 އަދި 29 ބަންދު ނޫން ކަމަށް ކަލަންޑަރުގައި އޮތަސް ޖުލައި 26 އާއި ހައްޖާއި އީދު ބަންދު ދުވަސްތައް އެއް ހަފުތާއަކަށް ވުމުން އެ ދެ ދުވަސް ވެސް ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ. ކަލަންޑުގައިވާ ގޮތުން ނަމަ އީދު ދުވަހުގެ މުނާސަބަތުގައި އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ތިން ވެސް ބަންދުވާނެ އެވެ.