ހަބަރު

ބޮޑުފިނޮޅު މީހުންގެ މުސާރަ ދޭނެ އަމުރަކަށް އެދިއްޖެ

Jul 19, 2020
2

ބ. ބޮޑުނިފިނޮޅުގައި މަސައްކަތް ކުރަމުން ގެންދިޔަ 200 މަސައްކަތްތެރިންގެ ފަރާތުން އެ މަސައްކަތްތެރިން ދޭން ޖެހޭ މުސާރަ ނުދީވާ މަސްތަކުގެ މުސާރަ ދިނުމަށް އެ ރަށް ތަރައްގީ ކުރާ ކުންފުނި ކަމުގައިވާ އާރުއައިއެކްސް (ރިޒް) ކުންފުންޏަށް އަންގައި އަމުރެއް ނެރެދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިފި އެވެ.

މި 200 މަސައްކަތްތެރިންގެ ފަރާތުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅި ލޯ ފާމް ކަމުގައިވާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ މައްސަލާގައި ވަނީ އެ 200 މަސައްކަތްތެރިންނަށް ނުދީވާ މުސާރަ އެކީ އެއް ފަހަރާ ނެރެދިނުމުގެ އަމުރަކަށް ކަމަށެވެ.

އެ 200 މަސައްކަތްތެރިންގެ ތެރޭގައި ހިމެނެނީ 198 ބިދޭސީންނާއި ދެ ދިވެހިންނެވެ. އެ މަސައްކަތްތެރިންނަށް ގާނޫނީ އެހީތެރިކަން ދިނުމަށާއި އެ މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ދިނުމަށް ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް ކުރުމަށް ޕީއައިއެލްސީ އިން ވަނީ ނިންމައިފަ އެވެ.

މި ގޮތުން ނުދީވާ މުސާރަ އެކީ އެއް ފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމުގެ އިތުރުން މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރި ދާން އެފޭ ފަރާތްތަކަށް އެނބުރި ދިއުމުގެ އިންތިޒާމުތައް ރިޒް އިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދޭން ވެސްް އެދިފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއައިއެސްސީން ބުނި ގޮތުގައި ޝަރުއީ މަރުހަލާގެ ބޭރުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން އާރުއައިއެކްސް ނުވަތަ ކުންފުންޏާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ އެވެ. އެކަމަކު އެ ގޮތަށް މަސައްކަތް ކޮށްގެން މައްސަލައަށް ހައްލެއް ލިބިގެން ގޮސްފައި ނުވާ ކަމަށް އެ ލޯ ފާމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަން ދެން މުސާރަ ނުދިން މައްސަލާގައި އެ ރަށުގައި އެ މީހުން ހަމަނުޖެހުން ހިންގައި ރަށުގައި މަސައްކަތް ކުރަމުންދިޔަ ދިވެހިންތަކެއް ރަހީނު ވެސް ކުރި އެވެ. އެ މައްސަލާގައި އެ ރަށަށް އެރި ފުލުހުންނާ ވެސް ކުރިމަތިލުމުން، 19 ބިދޭސީއަކު ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ.

އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ސީލް މޯލްޑިވްސް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިންނެވެ. ރިޒް އިން ބުނާ ގޮތުގައި މުސާރަ ނުދެވުނީ ސީލް ކުންފުނިން ފައިސާ ނުދިނުމުންނެވެ. އެކަމަކު ސީލް އިން އެ ކަން ދޮގު ކުރެ އެވެ.