ހަބަރު

179 ބިދޭސީންގެ ހައްގު ހޯދައިދޭން ޕީއައިއެލްސީ

ބ. ބޮޑުފިނޮޅުގައި އެއްވެސް އުޖޫރައެއް ނުދީ ހަތް މަސް ވަންދެން މަސައްކަތް ކުރުވި މައްސަލާގައި ހައްގު ހޯދައިދޭން، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން ޓްރިބިއުނަލްއަށް ދިޔުމަށް ނިންމައިފި އެވެ. ޕީއައިއެލްސީއަކީ މިފަދަ މައްސަލަތަކުގައި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ލޯ ފާމެކެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ޝުނާނާ އިސްވެ ހުންނަވައި ހިންގަވައި ޕީއައިއެލްސީއިން އިއްޔެ ވަނީ ބޮޑުފިނޮޅަށް ގޮސް ވަކިވަކި ބިދޭސީންނާ ބައްދަލުކޮށް އެމީހުންގެ ވާހަކަތައް އަޑު އަހާފަ އެވެ. މިކަމުގައި ފުލުހުންނާއި ބަންގްލަދޭޝް އެމްބަސީއިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ ކައިރިން އިއްޔެ ވާނީ ޓްރިބިއުނަލްއަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދާފައި ކަމަށެވެ. އިއްޔެ ހޯދުނު މައުލޫމާތުތަކުން އަދިވެސް އިތުރަށް މައުލޫމާތު ހޯދަން ޖެހޭކަން އެނގުނު ކަމަށާއި އެކަން ކުރަމުންދާ ކަމަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބައެއް ދިވެހިންނަށް ވެސް މުސާރަ ނުލިބޭ ކަމުގެ ޝަކުވާ ވަނީ އައިސްފަ އެވެ. އެހެންވެ، އެކަމުގައި ގާނޫނީ އެއްވެސް އެހީއެއް ބޭނުންވާނަމަ ޕީއައިއެލްސީއަށް ގުޅުވުމަށް ވަނީ އެދިފަ އެވެ.

ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން ދަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިންނެވެ.

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކޮށް ވައްކަމާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. ބަންދު ޖެހުމަށް ބޭއްވި އަޑުއެހުމުގައި އެކަކު ބުނި ގޮތުގައި އޭނާއަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާއިރު އާއިލާއާއި ދަރިންނަށް ކާންދޭނެ އެއްވެސް ލާރިއެއް ނެތެވެ. އެ މައްސަލާގައި ގިނަ އުނދަގޫތަކެއްވެ، "ބޯ ހަލާކުވެފައިވާ" ކަމަށް އޭނާ ބުންޏެވެ.

ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމަށް ރައްދުދީ ސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ. އެފޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށެވެ.

ރިޒް ކުންފުނީގެ މުވައްޒަފުންނަށް މަހު މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސްގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ސީލް މޯލްޑިވްސްއިން ބުންޏެވެ. ސީލް މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.