ހަބަރު

ބޮޑުފިނޮޅު ބިދޭސީންނަށް މުސާރަ ދޭން އަންގައިފި

Jul 23, 2020
2

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންއަށް މުސާރަދީ އެކަން އެންގުމަށް އާރްއައިއެކްސް ކުންފުންޏަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ)އިން މިއަދު އަންގައިފި އެވެ. އެ ބިދޭސީން އަދިވެސް ތިބީ ހަވާލުވާނެ ބަޔަކު ނެތި ބޮޑުފިނޮޅުގަ އެވެ.

އެލްއާރްއޭއިން އާރްއައިއެކްސް ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ބިދޭސީން ހަމަނުޖެހުން ހިންގިއިރު، އެތަނުގައި ތިބި ބިދޭސީންއަކީ އާރްއައިއެކްސް ކުންފުނިން މުސާރަ ދެމުން ގެންދިޔަ ބައެއް ކަމަށާއި އެމީހުންނަކީ އެ ކުންފުނީގެ މުވައްޒަފުންކަން، ބޮޑުފިނޮޅުގެ ވެރި ކުންފުނި، ސީލް މޯލްޑިވްސްއާއެކު ބަދަލުކޮށްފައިވާ ލިޔުންތަކުން ވެސް އެނގޭ ކަމަށެވެ.

ދެ ކުންފުނީގެ ދެމެދުވާ އެއްބަސްވުމުގައި ވެސް މުވައްޒަފުންނަށް މުސާރަ އާއި ކާންދިނުމާއި އެމީހުންނާ ގުޅިގެން ސަރުކާރުންނަށް ދައްކަން ޖެހޭ ފައިސާތައް ދައްކަން ޖެހޭނީ އާރްއައިއެކްސް ކުންފުނިންކަން އެނގޭ ކަމަށެވެ. އެހެންކަމުން ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ހަަމައަށްދީ، އެކަން ލިޔުމުން އެންގުމަށް އާރްއައިއެކްސް ކުންފުންޏަށް ވަނީ އަންގާފަ އެވެ.

މި މައްސަލަ އެލްއާރްއޭއިން ވަރަށް ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި ސިޓީގައިވާ އެންގުމަށް އަމަލު ނުކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެލްއާރްއޭއިން ވަނީ ބުނެފަ އެވެ.

އެ ރަށުގައި މިހާރު ތިބި ބިދޭސީންއާ ހަވާލުވާން ވެސް އާރްއައިއެކްސް ކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ. އެކަމާ ގުޅިގެން ރަށުގެ ވެރި ކުންފުނި، ސީލް މޯލްޑިވްސްއިން ވަނީ ކޯޓަށް ގޮސްފަ އެވެ. ކޯޓުން ވަނީ އެ ބިދޭސީންއާ ހަވާލުވެ އެ މީހުން ގެންދަން އާރްއައިއެކްސްއަށް އަންގާފަ އެވެ. ނަމަވެސް އެ އަމުރު ބަލައިގަންނަން ވެސް އެ ކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ.

އާރްއައިއެކްސް ކުންފުނިން ވަނީ އެ ކުންފުންޏާ ދެކޮޅަށް އަމުރު ނެރެނު ތުޅާދޫ ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކަށް މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގި މައްސަލާގައި 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ 19 މީހުންނަށް ވެސް މުސާރަ ލިބިފައިވެ އެވެ. އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހާފަ އެވެ. އެމީހުން ވެސް ހިމެނޭ ގޮތަށް އެ ރަށުގައި މަސައްކަތް ކުރި 198 ބިދޭސީއަކާއި ދެ ދިވެއްސަކަށް ދޭން ޖެހޭ މުސާރަ ހޯދުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ވެސް މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރު ޖަމިއްޔާއިން ހުށަހެޅި މައްސަލާގައި އެދިފައިވަނީ 200 މުވައްޒަފުންނަށް ލިބެންޖެހޭ މުސާރަ އެއްކޮށް ދެއްކުމަށާއި މުސާރަ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.