ބ. ބޮޑުފޮނިޅުގައި މަސައްކަތް ކުރަމުންދިޔަ 198 ބިދޭސީއަކާއި ދެ ދިވެއްސަކަށް ދޭން ޖެހޭ މުސާރަ ހޯދުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތާ ކޮންޓެކްޓް އުސޫލުން ހަވާލުވެފައިވާ އާރްއައިއެކްސް ކުންފުންޏާ ދެކޮޅަށެވެ. މައްސަލަ މުވައްޒަފުންގެ ފަރާތުން ހުށަހެޅީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރު ޖަމިއްޔާގެ ފަރާތުންނެވެ.
އެ ޖަމިއްޔާއިން ޓްރިބިއުނަލަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ 200 މުވައްޒަފުންނަށް ލިބެންޖެހޭ މުސާރަ އެއްކޮށް ދެއްކުމަށާއި މުސާރަ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.
ޖަމިއްޔާއިން ބުނި ގޮތުގައި މުސާރައިގެ މައްސަލާގައި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި އާރްއައިއެކްސް ކުންފުންޏާ މަޝްވަރާކުރި އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބުނެވެ.
ބޮޑުފިނޮޅުގައި ބިދޭސީންތަކަށް މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގި މައްސަލާގައި 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ 19 މީހުންނަށް ވެސް މުސާރަ ލިބިފައިވެ އެވެ. އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހާފަ އެވެ.
އެ ރަށުގައި މިހާރު ތިބި ބިދޭސީންއާ ހަވާލުވާން ވެސް އާރްއައިއެކްސް ކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ. އެކަމާ ގުޅިގެން ރަށުގެ ވެރި ކުންފުނި، ސީލް މޯލްޑިވްސްއިން ވަނީ ކޯޓަށް ގޮސްފަ އެވެ. ކޯޓުން ވަނީ އެ ބިދޭސީންއާ ހަވާލުވެ އެ މީހުން ގެންދަން އާރްއައިއެކްސްއަށް އަންގާފަ އެވެ. ނަމަވެސް އެ އަމުރު ބަލައިގަންނަން ވެސް އެ ކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ.