ހަނގުރާމައަށް ދާ ދިވެހިންގެ މައުލޫމާތު އަދިވެސް ސަރުކާރުން އޮޅުވާލަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ ހަނގުރާމަ ކުރަން ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ މައުލޫމާތު ސަރުކާރުން މިހާރު ވެސް އޮޅުވާލަމުންދާ ކަމަށެވެ. އަދި ހަނގުރާމަވެރި ޖަމާއަތެއް ކަމަށް ވާ އައިއެސްއާ ގުޅުން ހުރި މީހުން ފުލުހުންނާއި ސިފައިންގެ ތެރޭގައި ތިބި ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން މިރޭ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވިއިރު ދިވެހިންގެ ތެރެއިން 50 ވަރަކަށް މީހުން ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަމުންދާ ކަމަށް ޕޮލިސް ކޮމިޝަނާ ހުސައިން ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެގޮތަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ ހަރަކާތްތައް މޮނީޓާ ކުރަމުންދާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
ސީޕީ ހުސައިން އެގޮތަށް ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަމުންދަނީ ދިވެހިންގެ ހަތް މީހެކެވެ.
މިދިޔަ ހަފުތާގައި ވެސް ހަ ދިވެއްސަކު ވަނީ ތުރުކީ މަގުން ސީރިޔާއަށް އެތެރެވެފަ އެވެ. އޭގެ ތެރޭގައި އަހަރު ނުވާ ތުއްތު ކުއްޖަކު ވެސް ގެންގޮސްފައިވާއިރު ބައެއް ގޭންގްތަކަށް ނިސްބަތްވާ މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.