ހަބަރު

ބަނޑުންޖަހައިލި ދޯންޏަކުން ތިން މީހުން ސަލާމަތްކޮށްފި

Jul 19, 2020

މޫސުން ގޯސްވެ، ސިނާއީ ރަށެއް ކަމަށްވާ ކ. ތިލަފުށި ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ދޯންޏެއްގައި ތިބި ތިން މީހުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ސެކުއޯ ބޭގް" ދޯނި ބަންޑުން ޖަހާލީ، ކަނޑު ގަދަވެ ދޯނި އެއްފަރާތުން އަރިއަޅާލައިގެން ކަމަށެވެ.

ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިބި ތިން ފަޅުވެރިން އެ ސަރަހައްދުން ދަތުރުކުރި "ވިލާ ހަކަތަ" ނަމަކަށްކިޔާ ދޯންޏަކުން ވަނީ ނަގާފަ އެވެ. ބަންޑުން ޖަހާލި ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ.

އެ ސަރަހައްދުގައި ކޯސްޓް ގާޑުގެ ޑައިވަރުން މިހާރު ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން އިތުރަށް ބުންޏެވެ.

މިދިއަ ހަފްތާއިން ފެށިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެެއްގައި ކަނޑައި ވައި ގަދަވެ، ބައެއް ވިއްސާރަ ކުރާނެ އިރު، ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާ ކޮށްފި އެވެ.