ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމު ވަނީ ހިދުމަތްތެރި ދަރިންތަކަކަށް ބޭނުންވެފައި: ރައީސް

ވަފާތެރިކަމާއި ތެދުވެރިކަމާއެކު ގައުމަށް ހިދުމަތްކުރާނެ ދަރިންތަކަކަށް ގައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖައިގައި ފާސްވި ކުދިންނަށް ސްކޮލާޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން ކަމަށާ އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން ކަމަށެވެ. ގައުމުގެ ތަރައްގީއާއި ކުރިއެރުމަކީ އެ ގައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާކަން ފާހަގަކުރައްވާ ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް ދިވެހި ދަރިންނަށް އިލްމު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުންވެސް، މަތީ ތައުލީމް ހާސިލުކުރަން ތިޔަ ނުކުންނަނީ، ތިޔަ ދަރިވަރުންގެވެސް އުންމީދުތަކަކާއި، ހާސިލުކުރަން ބޭނުންވާ މަގްސަދެއް އޮތީމަ. ހަމައެފަދައިން، ތިޔަ ދަރިވަރުންގެ މައިމީހާ، އާދެ މި ލޮބުވެތި ވަތަން، ތިޔަ ދަރިވަރުންގެ ފަރާތުން ކުރާ އުންމީދުތަކެއްވެސް އެބަހުރި. އެއީ ގައުމަށް ވަފާތެރި، ތެދުވެރި އަދި އިހްލާސްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރާނެ ދަރިންތަކެއް ކަމުގައިވުން."

ރައީސް ވިދާޅުވީ މި ދުވަސްވަރަކީ އެފަދަ ދަރިންތަކަކަށް ގައުމު ބޭނުންވެފައިވާ ދުވަސްވަރެއް ކަމަށެވެ. ރާއްޖޭގެ ހަޔާތުގައިވެސް، ދިވެހިންނާ މިއަދު އަރާ ހަމަކޮށްފައިވަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާ ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ ސަބަބުން، ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ދުވަސްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަސްދުވަހަށްފަހު، އަލުން ހުޅުވައިލެވުނީ މިދިޔަ ބުދަ ދުވަހު. މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ސިނާއަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު. މިކަމުގެ ސަބަބުން، އިގްތިސާދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި،"

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މަތީ ސާނަވީ އިމްތިހާނުތަކުން، އެންމެ މަތީ ދަރަޖައިގައި ފާސްވެ ރައީސްގެ ސްކޮލާޝިޕް ހޯދާފައިވަނީ ސީއެޗްއެސްސީގެ ފަސް ދަރިވަރުންނާއި އަރަބިއްޔާ ސުކޫލުގެ ދެ ދަރިވަރުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މަތީ ތައުލީމް ދޭ މުއައްސަސާތަކުން،ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ދައުލަތުގެ ހަރަދުގައި އެކަން ކުރެވޭނެގޮތް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރު ކަމަށާ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 6250 ދަރިވަރަކަށް 130 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލުކުރަން ދޫކުރާ ލޯނު އެހީގެ ދަށުން މިހާރުވެސް ތަފާތު 24 ގައުމެއްގައި 1480 ދިވެހި ދަރިވަރަކު، މަތީ ތައުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްގެ ދަށުން ތަފާތު ހަތް ގައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"..އަދި ހައި އެޗީވާސް ސްކޮލަރޝިޕްގެ ދަށުން ތަފާތު ހަތް ގައުމެއްގައި މިހާރުވެސް 117 ދަރިވަރަކު ކިޔަވަމުން އެބަގެންދޭ،"