އަލީ ވަހީދު

އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި އެވެ.

ފުލުހުން ބުނީ އަލީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ މިރޭ 8:30 ގައެވެ.

އެކި ދުވަސް މަތިން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.

ނަމަވެސް މިހާ ދުވަސްވީއިރުވެސް އެ މައްސަލާގައި އަލީ ވަހީދާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. މިއީ ތަހުގީގަށް އަލީ ވަހީދާ ސުވާލުކުރާ ފުރަތަމަ ފަހަރެވެ.

މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ބޭއްވި ބައްދަލްވުމެއްގައި ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކަމެއް އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމް ކަމެއް ނުވަތަ ނޫން ކަމެއް ނުބުންޏެވެ. އަޒްމާ ވިދާޅުވި ގޮތުގައި މި މައްސަލާގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނަރަލްއާ ދަނީ މަޝްވަރާ ކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ މައްސަލާގައި އަލީ ވަހީދަށް ތުހުމަތް އިއްވައި އޭނާއާ ސުވާލުކޮށްފައިނުވާނެ ކަމަށާއި އެއީ މިހާތަނަށް ތަހުގީގުގައި އާދެވިފައިވާ ހިސާބުން އެކަން ކުރުމަށް އަދި ނުފެންނާތީ ކަމަށެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.