ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ އަވަސް އަށް ވިދާޅުވީ ފުލުހުން ބޭނުންވާ ފަދަ އިނގިރޭސި ތަރުޖަމާއެއް ކްރިމިނަލް ކޯޓުން މިއަދު ފުލުހުންނަށް ދީފައިވާ ކަމަށެވެ.
"އިނގިރޭސި ބަހުން އެ ލިޔުން ލިބުމާ ގުޅިގެން އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ އަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފުލުހުން މިވަނީ ފަށާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ލިޔުމެއް ކޯޓުން ދީފައި މިވަނީ އެ ލިޔުން ނުލިބިގެން ފުލުހުން އެ ވާހަކަ މީޑިއާގައި ހާމަކުރި ފަހުންނެވެ. ކްރިމިނަލް ކޯޓުން އިނގިރޭސި ބަހުން ދޭން ޖެހޭ ލިޔުން ނުދޭ ކަމަށް ފުލުހުން އެންމެ ފުރަތަމަ ބުނުމުން ފުލުހުންގެ ވާހަކަތައް ދޮގުކޮށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާ ބުނީ އެފަދަ ލިޔުމަކަށް ފުލުހުން ކޯޓުގައި އެދިފައި ނުވާ ކަމަށެވެ.
އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ފުރުމަށް ކޯޓުން ހުއްދަ ދިނުުމުން އޭނާ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި އަލީ ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ނިންމަވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކުރައްވާފަ އެވެ.
އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އަޑުއެހުމަކަށް މީގެކުރިން ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރުވާން ވެސް ކޯޓުން އެންގި އެވެ. ނަމަވެސް ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިން ކުރިއަށް ގެންދިޔަ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް ފަހުން ނުބާއްވަ އެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.