އަލީ ވަހީދު

އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އަމުރުކޮށްފި

ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ވެސް ކަނޑާފައި ކަމަށާ އެހެންކަމުން އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުއްވާނެ ކަމަށް ކުރީން ވިދާޅުވެފައެވެ. އެ އަމުރު މިހާރު ވަނީ ނެރެފައެވެ.

ފުލުހުން ދެންމެ ބުނީ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެ އަމުރާއި ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އަޑުއެހުމަކަށް މީގެކުރިން ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރުވާން ވެސް ކޯޓުން އެންގި އެވެ. ނަމަވެސް ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިން ކުރިއަށް ގެންދިޔަ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް ފަހުން ނުބާއްވަ އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

މި މައްސަލާގައި އަލީ ވަހީދު ކުރީން ވިދާޅުވީ އޭނާ ރާއްޖެ ގެންދެވޭނެ ކަމަށާއި ސައްހަ ތަހުގީގާއި ސައްހަ ދައުވާ ކުރުމުން ކޮންމެ ގައުމަކުންވެސް އެ މައްސަލައެއް ބަލާނެ ކަމަށެވެ.

"ނަމަވެސް ފްރޭމްކޮށް، ކުރެވޭ ތުހުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ. އިރާދަފުޅުން އިންސާފު ހޯދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.