ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު އަހުމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން އޭނާގެ މައްސަލަ ބަލަމުންދާ ކަމަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
ފަޒީލް، ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. އޭނާއަކީ ރައީސް މައުމޫންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި އެމްއާރްއެމްގެ މީޑިއާ ކޮމެޓީގެ މެންބަރެކެވެ.
އެމްއާރްއެމްއިން މިއަދު ބުނީ އެޕާޓީގެ އިސް މަގާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
".. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު މި ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން. ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން،" އެމްއާރްއެމްގެ ޓްވީޓްގައި ވެއެވެ.
ސޯޝަލް މީޑިއާގައި ފަޒީލާގުޅޭ ތުހުމަތުތައް ފެންމަތިކޮށްފައިވަނީ އިއްޔެއެވެ. އަދި މިއަދުވެސް ބައެއް އަންހެނުން ވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށް ތުހުމަތުކޮށް އެ ވާހަކަތައް ދައްކާފައެވެ.
ބައެއް އަންހެނުން ވަނީ ފަޒީލަށް ވަރަށް ސީރިއަސް ތުހުމަތުތައް ކޮށްފައެވެ.