ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ނުބަލާނެ އޮތީ އެންމެ ގޮތެއް ކަމަށާ އެއީ ޖުޑިސަލް ސާވިސް ކޮމިޝަނުން ލިޔެފައި ދޭ ހުކުމް ޝަރީއަތުގައި އިއްވުން ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޖޭއެސްސީއަށް ފާޑު ވިދާޅު ވެއްޖެ އެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑު ކުރަން ޖުޑީސަލް ސާވިސް ކޮމިޝަން މިއަދު ވަނީ ނިންމާފަ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައި ވަނީ މިދިއަ އަންގާރަ ދުވަހު އެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ޖޭއެސްސީން މިއަދު ބުނީ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރު ކުރުމަށް ނިންމީ، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަށް ރިއާއަތްކޮށް، މަގާމުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ ކަމަށެވެ. އަދި ގާޒީ އިސްމާއިލްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު، އެކަމުގެ ތަފްސީލުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހާމަ ކުރާނެ ކަމަށް ޖޭއެސްސީން އިތުރަށް ބުންޏެވެ.
އެކަމަށް ފާޑުވިދާޅުވެ ހައިލަމް މިރޭ ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ނުބަލާނެ އޮތީ އެންމެ ގޮތެއް ކަމަށާ އެއީ ޖުޑިސަލް ސާވިސް ކޮމިޝަނުން ލިޔެދޭ ހުކުމް ޝަރީއަތުގައި އިއްވުން ކަމަށެވެ.
"ގާޒީން ސުލޫކީ ނުވާނެ ހަމައެކަނި ގޮތަކީ ޖޭއެސްސީން ލިޔެދޭ ހުކުމެއް ޝަރީއަތުގައި އިއްވައިގެން،" ހައިލަމް ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް ހިމެނޭ ވައިބާ ގުރޫޕަކަށް ހައިލަމް ފޮނުއްވި ފޮޓޯއަކާއި ގުޅިގެން ހައިލަމްގެ މައްސަލަވެސް ޖޭއެސްސީން ކުރިން ވަނީ ބަލާފައެވެ. އެކަމާއި ގުޅިގެން ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑްކޮށް، ފަނޑިޔާރު ކަމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ވަނީ ޖޭއެސްސީގެ އެ ނިންމުން ރަނގަޅުކަމަށް ނިންމައި، ހައިލަމް ފަނޑިޔާރު ކަމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.
ނަމަވެސް ޖޭއެސްސީއަށް ފާޑުވިދާޅުވެ ހައިލަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.