ނޫސް ވެރިންނާއި ބްރޯޑްކާސްޓަރުން މަސައްކަތް ކުރަން ޖެހިފައި ވަނީ އިންޒާރުތަކާއި ބިރުވެރިކަން އިންތިހާއަށް އޮތް ނުތަނަވަސްކަމުގެ ވެއްޓެއްގައި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ޝަހީބު ދެއްވި ހިތޯބެއްގައި ވިދާޅުވީ ރާއްޖޭގެ މީޑިއާގެ ހާލަތާ މެދު އެންމެން ވެސް ގަބޫލު ކުރަން ޖެހިފައި އޮތް ހަގީގަތަކީ ކެންޑިނޭޅި ދޭ އިންޒާރުތަކުގެ ސަބަބުން ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ތަހަންމަލު ކުރަން ޖެހިފައި އޮތް ބިރުވެރިކަން ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމާއި ބްރޮޑްކާސްޓަރުންނަށް މި ވަނީ ނުތަނަވަސްކަމެއް ކުރިމަތިވެފައި ކަމަށް ޝަހީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާޔަށްވާ ހިނދު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ޓަކައި ކަންތައްތައް އަލުން މުރާޖާކޮށް އަޅަންޖެހޭ ފިޔަވަޅުތަށް މި ވަނީ ލަސްނުކޮށް އަޅަން ޖެހިފަ އެވެ.
"އަދުގެ ނޫސްވެރިންނާއި، ބްރޯޑްކާސްޓަރުންނަކީ، ރިސްކުގައި މަސައްކަތްކުރަމުންދާ ބައެއް. ކެނޑިނޭޅި ލިބެމުންދާ އިންޒާރުތަކުގެ ތެރޭގައި ބިރުވެރިކަން ތަހައްމަލްކުރަމުންދާ ބައެއް،" އޭނާ ވިދާޅުވި އެވެ.
ޝަހީބު އިތުރަށް ވިދާޅުވި ގޮތުގައި މި އުނދަގޫ ހާލަތުގައި ވެސް ދިވެހި ބްރޮޑްކާސްޓަރުންނަކީ އުފެއްދުންތެރި ބައެކެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ޝަހީބު ވިދާޅުވީ ބައިނަލް ލަގުވާމީ އަދި ގައުމީ ފެންވަރުގައި ރާއްޖެވެސް ބްރޯޑްކާސްޓިންގެ ދާއިރާގައި ކާމިޔާބުތަކެއް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން އޭޝިއާޕެސިފިކް އިންސްޓިޓިއުޓް ފޮ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) ގެ "ރޭޑިއޯ އެވޯޑްސް 2015" ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއް ޙާސިލްކުރުމާއި އޭ.އައި.ބީ.ޑީ ގެ އެގްޒެކެޓިވް ބޯޑްގެ ޗެއާޕާސަންގެ މަގާމަށް ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އިންތިހާބު ވުމަކީވެސް ރާއްޖޭގެ މިދާއިރާ އަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މިފަދަ ކާމިޔާބީތަށް އިތުރު ކޮށް ދާއިރާ ކުރިއެރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލި އަޅުވާލާ ޝަހީބު ވިދާޅުވީ ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ތާއާރަފް ކުރުމަށް އެކުލަވާލަން ޖެހޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިމަސައްކަތް ކުރަނީ އޮސްޓްރޭލިޔާގެ ފަންނީ މާހިރުންގެ އިރުޝާދާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާއަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތާއި ކުރި މަގު އޮތް ދާއިރާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޒުވާނުން މި ދާއިރާއަށް ވަނުމަށް ހުރި ގޮންޖެހުންތައް ނައްޓާލަން ޖެހެ އެވެ.
ރާއްޖޭގައި ބްރޯޑްކާސްޓިން 1962 ވަނަ އަހަރު ފަށާފައިވާއިރު މިހާތަނަަށް 32 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލެއް ހިންގުމަށް ވަނީ ލައިސަންސް ދީފަ އެވެ. އަދި މީގެ އިތުރުން ކޭބަލް ޓީވީ ޚިދުމަތް ފޯރުވައިދިނުމަށް ބޯޑްކާށްޓިން ކޮމިޝަނުން 117 ލައިސެންސް އެކި ކުންފުނި ތަކަށް ދޫކޮށްފައިވެ އެވެ.