ދުނިޔެ

ސައުދީ ރަސްގެފާނު އެޑްމިޓުކޮށްފި

Jul 20, 2020

ރިޔާދު (ޖުލައި 20) - ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސައުދީގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި އުމުރުފުޅުން 84 އަހަރުގެ، ރަސްގެފާނު އެޑްމިޓުކޮށްފައިވަނީ ގޯލް ބްލެޑާ ނުވަތަ ފިތް ދުޅަވެގެންނެވެ. އަދި މި ވަގުތު ބައެއް ޓެސްޓުތައް ހަދަމުންދާ ކަމަށާއި، ނަމަވެސް، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށެވެ. އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރަސްގެފާނު އެޑްމިޓުކުރުމާ ގުޅިގެން، އިރާގުގެ ބޮޑުވަޒީރު މުތަފާ އަލް-ކަދީމީ ސައުދީއަށް ކުރައްވަން ހަމަޖެހިފައިއޮތް ރަސްމީ ދަތުރުފުޅުވެސް މިހާރު ފަސްކޮށްފައިވާކަމަށް ސައުދީ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހު ވަލީއަހުދުގެ ގޮތުގައި ހުންނެވުމަށްފަހު، ސަލްމާން ރަސްކަމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ.

އޭގެ ކުރިން އެމަނިކުފާނު ވަނީ ސައުދީގެ ބޮޑުވަޒީރުގެ ނައިބުގެ އިތުރުން ވެރިރަށް ރިޔާދުގެ ގަވަރުނަރު ކަމުގައި 50 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.