ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާނެ އުސޫލެއް އެކުލަވާލައިފި

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން މައްސަލަތައް ބަލާ ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް ހަދާ އާންމުކޮށްފި އެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަކީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ނޮވެންބަރު 17، 2018 ގައި އުފެއްްދި ކޮމިޝަނެކެވެ. އެ ކޮމިޝަނުން މިހާތަނަށް ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް ހާމަކުރި ނަމަވެސް މިދިޔަ ދޮޅު އަހަރުތެރޭ ރިޔާސީ ކޮމިޝަނުން ބެލި އެއްވެސް މައްސަލައަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

އެ ކޮމިޝަނުން ބަލާނީ ޖަނަވަރީ 1، 2012 އިން ފެށިގެން ނޮވެންބަރު ނޮވެންބަރު 17، 2017ގެ ނިޔަލަށް ހިންގައިފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވިހުރި މައްސަލަތަކުގެ ތެރެއިން އެކި ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތައް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިއަދު އާންމު ކުރި ގަވާއިދުގައި އެ ކޮމިޝަނަށް މައްސަލަ ހުށައެޅޭނެ ގޮތާއި ތަހުގީގަށް މީހުން ހާޒިރުކުރުމުގެ އުސޫލުތަކާއި ބަންދުކޮށްފައިވާ މީހަކު ހާޒިރުކުރެވޭނެ ގޮތްތަކާއި ގާނޫނީ ވަކީލަކު ހޯދުމުގެ ފުރުސަތު ދެވޭނެ ގޮތްތައް ހިމަނާފައިވެއެވެ.

އަދި ތަހުގީގުގައި ހަނު ހުރެވޭނެ ހާލަތްތަކާއި މައްސަލަތައް ބެލުމަށްފަހު އަމަލުކުރާނެ ގޮތުގެ ތަފްސީލް ހިމަނާފައިވެއެވެ.

މަރުތައް ތަހުގީގު ކުރުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަންގެ ބޭނުމެއް ނުފެންނަ ކަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު އެހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. މި ކަމުގައި ގޮތެއް ނިންމަވާނީ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ.

"މެންބަރުންގެ ކުރިމަތީގައި އޮތީ މި ކަމުގައި ގޮތެއް ނިންމެވުން. އަޅުގަނޑަކަށް ނުފެނޭ އެ ކޮމިޝަންތަކަކީ މިހާރު ބޭނުމެއް އޮތް ކޮމިޝަންތަކެއް ކަމަށް، އެ ކޮމިޝަންތައް އުވާލަން ޖެހޭ ކަމަށް. ބޭކާރު ބޭނުމެއް ނެތް ހަރަދުތަކެއް، މި ހާއްސަކޮށް މި ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަން އުވާލަން ޖެހިއްޖެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، މީގެ ކުރިން ވެސް ނަޝީދު ވަނީ ކޮމިޝަންތަކަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ކޮމިޝަނުން އެ ކަން ދޮގު ކުރެ އެވެ.

އެނގިފައިވާ ގޮތުގައި ކޮމިޝަންތަކުގެ މަސައްކަތާ ގުޅޭ ގޮތުން ރައީސް ސޯލިހް އާއި ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެ ގޮތުން ނަޝީދު ބޭނުންފުޅު ވަނީ މިހާރު ތަހުގީގު ގޮސްފައިވާ ހިސާބުން ބައެއްގެ މައްޗަަށް ދައުވާ ކުރުމަށެވެ. ރައީސް ސޯލިހް ބޭނުންފުޅު ވަނީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާތައް ކުރިޔަށް ގެންދާށެވެ.