ޕެރިސް (ޖުލައި 20) - ފްރާންސްގައި ކޮވިޑް-19 އިގެ ކޭސްތައް ފެންނަ އަދަދު އިތުރުވުމާ ގުޅިގެން، ބަންދު ޕަބްލިކް ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފި އެވެ.
މީގެ ކުރިން ވެސް ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރާއިރު މާސްކު އެޅުން ލާޒިކޮށްފައި އޮތުމަށްފަހު މިއަދުން ފެށިގެން ފިހާރަތަކަށް ވަންނަ އިރު މާސްކު އަޅަންޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފަ އެވެ.
މިވަގުތު ފްރާންސްގެ އެކި ހިސާބުތަކުގައި 400 އާއި 500 އާދެމެދުގެ އެކްޓިވް ކްލަސްޓާތައް ހުރިކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ކޮވިޑް-19 ފެތުރުމާ ދެކޮޅަށް "ފުރަތަމަ ކާމިޔާބީ" އިއުލާނުކުރުމަށްފަހު، ފްރާންސްގެ ކުއްލި ހާލަތު އުވާލީ މިދިއަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ ފަހުން ހާއްސަކޮށް ފްރާންސްގެ އިރާއި ހުޅަނގުގެ ސަރަހައްދުތަކުން ބަލި ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.
މުޅި ޔޫރަޕުގައިވެސް ކޮވިޑް-19 އިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ފްރާންސްގައި ބަލި ޖެހުނު މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.