ސްޓެލްކޯ

މިމަހުވެސް ކަރަންޓް ބިލް ބޮޑުވާނެ: ސްޓެލްކޯ

މިދިޔަ ޖޫން މަހެކޭ އެއްގޮތަށް ޖުލައި މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.

ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ވަނީ ކޮށްފައެވެ.

ކަރަންޓް ބިލް ބޮޑުވާ މައްސަލައާއި ގުޅިގެން ސްޓެލްކޯއާއި ފެނަކަގެ އިތުރުން މޯލްޑިވްސް އެނާޖީ އޮތޯރިޓީ އަދި އެންވަޔަރަމަންޓު މިނިސްޓްރީ މިއަދު ވަނީ ސްޓެލްކޯގައި ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައެވެ.

އެ ބައްދަލްވުމުގައި ކަރަންޓް ބިލް ބޮޑުވާ ސަބަބުތަކާއި ގުޅޭގޮތުން އެ އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. ނޫސްވެރިންގެ ބައްދަލްވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ ޖޫން މަހެކޭ އެއްގޮތަށް މި މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށެވެ.

ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އެ ކުންފުނިން ސާވޭއެއް ކޮށްފައިވާ ކަމަށާ ސާވޭއިން ހާމަވީ ކަރަންޓް ބިލް ބޮޑުވަނީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކަރަންޓް ބޭނުންކުރެވިފައި ހުންނާތީ ކަމަށެވެ. ކަރަންޓް ބިލް ކުޑަކުރެވެން އޮތީ އިގްތިސާދު ކޮށްގެން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސާވޭގައި 700 ގޭބީސީއަކަށާ ބައެއް ވިޔަފާރިތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާ ބައެއް ގޭގޭގައި އޮޅުމަކުން އެއާކޮންޑިޝަން ޖެއްސިގެން ބިލް ބޮޑުވެފައިވާ ކަމަށެވެ.

"މެއި ޖޫންގެ ޕެޓާން އަދިވެސް މިހުރީ އިނގޭތޯ. އޭގެ މާނައަކީ އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ޖުލައި މަހު އެ ލިބޭ ބިލްވެސް ބޮޑުވާނެ ކަމަށް، ސަބަބަކީ އަޅުގަނޑުމެންގެ ކޮންޒަމްޝަން ޕެޓާންއަކަށް ނެތް އެހާ ބޮޑު ބަދަލެއް އައިސްފައެއް. އެންމެ ބޮޑު އެދުމަކީ ކަރަންޓް ބޭނުންކުރައްވާއިރު ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބޭނުން ނުކުރުން،"

ފަހުމީ ވިދާޅުވީ ފަރުވާތެރިވެވިއްޖެނަމަ ކަރަންޓް ބިލް ކުޑަކޮށްލެވިދާނެ ކަމަށެވެ. އަދި ބިލް ކުޑަކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޖުމްލަ ކަސްޓަމާ ބޭސްއަށް ބަލަންޔާ މަދު ގެތަކަކަށް މިހުރީ ބިލް ބޮޑުވެފައި،"

ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަން ފެށުމުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ވަނީ ދީފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަަވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތަކަށް މިފަހަރު ވަނީ 4،000 ރުފިޔާ އަރާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އަދި އެ ދެ މަހު ފެން ބިލުން ވަނީ 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީ އަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް 12،661 ގޭބީސީ އަކަށް 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ސަރުކާރުން ވަނީ ދީފައެވެ.