ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޮކްސްފަޑް ވެކްސިނުގެ ފުރަތަމަ މަރުހަލާ ކާމިޔާބު

Jul 20, 2020

ލަންޑަން (ޖުލައި 20) - ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން އިންސާނުންނަށް ރައްކާތެރި ކަމަށާއި، އެ ބަލިން ހަށިގަނޑު ރައްކާތެރިކުރުމަށް އިމިޔުނިޓީ ރެސްޕޮންސެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.

އިންސާނުންނަށް ވެކްސިން ދީގެން ކުރިޔަށް ގެންދާ ޓްރައަލްތައް 1،077 މީހުންނަށް ވެކްސިން ދިނުމާއެކު އޮކްސްފޯޑުން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ.

އެގޮތުން، އެ ހުރިހާ އެންމެން ހަށިގަނޑުގައި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެންޓިބޮޑީސް އާއި ޓީ-ސެލްސް އުފުދެނުކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ވަރުން ކޮވިޑް-19 އިން ފުރިހަމައަށް ރައްކާތެރިވާނެކަމަށް ބުނަން އަދި މާ އަވަސް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން އިންސާނުންނަށް ރައްކާތެރިކަމަށް ދެއްކި ނަމަވެސް، 70 ޕަސަންޓް މީހުންގެ ކިބައިން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ސައިޑް އިފެކްޓްސް ވަނީ ފެނިފަ އެވެ. ނަމަވެސް، އެކަންކަމުން ޕެރެސެޓަމޯލް ދީގެން އަރައިގަނެވޭނެކަމަށް ވެކްސިން އުފެއްދު ޓީމުން ވަނީ ބުނެފަ އެވެ.

"މި ބަލިމަޑުކަމާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާނެކަން ކަށަވަރުކުރަން އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ. ނަމަވެސް، ފުރަތަމަ ނަތީޖާތަކުން އުއްމީދު ވަރަށް ބޮޑު،" މި ރިސާޗްގެ 'ބޮޑު ސިކުނޑި' ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ޕްރޮފެސާ އޮފް ވެކްސިނޮލޮޖީ ސާރާ ކެތެރީން ގިލްބާޓް ވިދާޅުވި އެވެ.

މިހާރު ބެލެވޭ ގޮތުގައި 10،000 މީހުންނަށް ވެކްސިން ދީގެން ހަދާ އެންމެ ބޮޑު އަދި އެންމެ ފަހު ޓްރަޔަލް ވަރަށް އަވަހަށް މި ޓީމުން ފަށާނެ އެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ބަލި ޖެހޭ މިންވަރު ދަށްވެފައިވާތީ އެހެން ގައުމުތަކުން މީހުން މި ދިރާސާގައި ބޭނުންކުރުމަށް ވަނީ ނިންމައިފަ އެވެ.

އޮކްސްފަޑް ޔުނިވާސިޓީގެ އިތުރުން، އެމެރިކާ އަދި ޗައިނާގެ ބައެއް ކުންފުނިތައް ވެސް މިހާރު ވަނީ ރަނގަޅު ނަތީޖާއަކާއެކު މި މަރުހަލާއަށް އައިސްފަ އެވެ.

އޮކްސްފޯޑްގެ މި ކާމިޔާބު ވެކްސިން ފޯމިއުލާ އަކީ ކުރިން އުފައްދާފައިވާ ވެކްސިން ތަކާ މުޅިން ތަފާތު ފޯމިއުލާ އަކަށް ވުމީ ވެސް މި ވެކްސިން ޚާއްސަވާ އެއް ސަބަބެވެ. މި ފަހަރުގެ ވެކްސިންއަކީ ވައިރަލް ވެކްޓާ ޓައިޕް ވެކްސިން އެކެވެ. މިއީ ގެއްލުމެއް ނެތް ވައިރަސްއެއް މެދުވެރިކޮށް ޕެތޯޖަންގެ ޖެނެޓީކް މެޓީރިއަލް ސެލް އަށް ފޯރުކޮށްދޭ ވެކްސިން އެކެވެ. މި ޖެނެޓިކް މެޓީރިއަލް އިން ހަށިގަނޑުގައި އިމިއުން ރެސްޕޮންސެއް އުފައްދާ ހަގީގީ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ގޮތަށް މި ވެކްސިން ތައްޔާރު ކޮށްފައި ވެއެވެ.