ބާ ކައުންސިލް

ބާ ކައުންސިލް އުވާލަން ދަނީ މަޝްވަރާކުރަމުން: އިދިކޮޅު

ބާ ކައުންސިލް އުވާލުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްއާ ގުޅުން ހުރި މައްސަލަތަކެއް ބާ ކައުންސިލަށް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ޝަމީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާ އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ޝަމީމަށްވެސް ލިބިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. -އެމައްސަލަ ހުށައަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.-

އަދި އެ ފައިސާގެ އަސްލު އޮޅުވާލުމަށް އެއީ މީހަކު ދީފައިވާ ލޯނެއް ކަމަށް ބުނެ އެގްރީމަންޓްތަކެއް ހަދާފައިވާ ކަމަށާ އެ ފައިސާއިން ޝަމީމްގެ ގެ ހެދުމަށް ހަރަދުކޮށްފައިވާ ކަމަށް ހުށައެޅި މައްސަލާގައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މި މައްސަލަ ބާ ކައުންސިލަށް ހުށައެޅުމުން އެ މައްސަލަ ބެލުމަށް ހުރަސް އަޅަން ފަށާފައިވާ ކަމަށެވެ.

އަދި މައްސަލަ ނިމޭގޮތަކުން ބާ ކައުންސިލް އުވާލުމަށް ސަރުކާރުން މަޝްވަރާތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ނިމޭ ގޮތަކުން ބާ ކައުންސިލް އުވާލަން މިހާރު ސަރުކާރުން މަޝްވަރާ ކުރަމުންދާކަމަށް. އަޅުގަނޑު ދައުލަތުގެ އެޓާނީ ޖެނެރަލަށް ދަންނަވާލަން ބޭނުންވަނީ ބާ ކައުންސިލްގެ މަސައްކަތަށް ހުރަސް ނާޅުއްވާށޭ. ހުސައިން ޝަމީމަކީ މަނިކުފާނުގެ [އޭޖީ ރިފްއަތު] ކިތަންމެ ގާތް ރަހުމަތްތެރިއެއް ވިޔަސް ހުސައިން ޝަމީމް އެ އޮތީ މަސްލަހަތު ފުށުއަރާކަމެއް ކޮށްފައޭ. ދެން އެކަން ނުކުރާ ކަމަކަށް ނުހެދޭނެއޭ،"

އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލުކަން ޝަމީމް ކުރައްވާފައިވާ ކަމަށް ބާ ކައުންސިލަށް ހުށައަޅާފައިވާ މައްސަލައިން ހާމަވާ ކަމަށެވެ.

އެމްއެމްޕީއާރުސީން ދޫކުުރި ކޮންމެ ޗެކެއްގައި ސޮއިކޮށްފައިވަނީ އޭރުގެ އެމްޑީ ޒިއަތު ކަމަށާ އެފަދަ ބޭފުޅެއްގެ ވަކީލަށް މަސައްކަތްކުރި ބޭފުޅަކު މިއަދު ޕީޖީގެ މަގާމުގައި ހުންނަވައިގެން އެހެން ބައެއްގެ މައްޗަށް ދައުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިރޭ ވަނީ މައްސަލަތަކުގައި ވަކާލާތު ކޮށްދެއްވުމުން އަދީބު އަދި ޒިއަތުގެ ފަރާތުން ޝަމީމަށް ދީފައިވާ ފައިސާގެ އަދަދު ހާމަކުރުމަށްވެސް ގޮވާލާފައެވެ.

"އަޅުގަނޑު އެދެން އަދީބުއާ ޒިއަތާ ދެ ބޭފުޅުންގެ އަރިހުން ވަކީލު ފީގެ ގޮތުގައި ޝަމީމަށް ދީފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ހާމަކޮށްދެއްވުމަށް،"

އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާ އެކަން ކުރަން ދެކޮޅު ހަދާނަމަ އޭނާ މަގާމުން ދުރުކުރަންވެސް ޖެހޭ ކަމަށެވެ.

"ހުސައިން ޝަމީމަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނު އަވަހަށް އިސްތިއުފާ ދެއްވާށޭ. މަނިކުފާނު ތިޔަ މަގާމުގައި ހުންނަވާކަށް އެއް ގޮތަކަށްވެސް ތަސަައްރަފެއް ނުފެދޭ. މަނިކުފާނުގެ އިތުބާރެއް ދިވެހި ރައްޔިތުންނަކަށް ނެތޭ،"