އިންޑިއާ ފުޓުބޯޅަ

ޗެތުރީ މަގާމަށް ސްޓްރައިކަރެއް ނެތް

އިންޑިއާގެ ކެޕްޓަން އަދި ސްޓައިކަރު ސުނިލް ޗެތުރީ ކުޅުން ހުއްޓާލާ ދުވަހަކުން އޭނާގެ މަގާމު ފޫބައްދާނެ ސްޓައިކަރެއް ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް، އިންޑިއާގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިއާ ބުނެފި އެވެ.

ޗެތުރީއާއެކު އިންޑިއާގެ ފޯވަޑްލައިނަށް ނުކުތް އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަކީ ޖޭޖޭ ލާލްޕެކްލުއާ އާއި ބަލްވަންތު ސިންހް އެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް އެއްވަރެއްގައި ހިފަހައްޓައެއް ނުލެވުނެވެ. ޖޭޖޭ އަކީ އިންޑިއާގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރިޔެއް ކަމަށް ކުރިން ބެލެވުނެވެ.

ބުޓިއާ ބުނީ އެ ކުޅުންތެރިންނަށް އަނިޔާގެ ސީރިއަސް މައްސަލަތައް ކުރިމަތިވެ އެއްވަރެއްގައި ޕާފޯމް ކުރުމުގައި އުނދަގޫތައް ކުރިމަތި ވެފައިވާ ކަމަށެވެ. އިންޑިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ބުޓިއާ ބުނީ އިންޑިއާގެ ސްޓައިކަރުންނަށް ދިމާވާ މައްސަލަތަކަކީ ޖަވާބު ދޭން އުނދަގޫ ސުވާލެއް ކަމަށެވެ.

"މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް، ޗެތުރީގެ މަގާމަށް އެހެން ކުޅުންތެރިޔެއް ނެތް، މިއީ ޖަވާބު ހޯދަން އުނދަގޫ ސުވާލެއް އިންޑިއާގެ ސްޓައިކަރުންގެ ފެންވަރު ގެއްލި އެއްވަރެއްގައި ޕާފޯމް ނުކުރެވެނީ ކީއްވެގެންތޯ، އަހަންނަށް ހީވަނީ މިކަމާ މަސައްކަތް ކުރުން ވަރަށް މުހިންމު ވެއްޖެހެން." ބުޓީއާ ބުންޏެވެ. "އަހަންނަށް ހީވަނީ އަނިޔާގެ މައްސަލަހެން، ޖޭޖޭއަށް ވެސް ވަރަށް ގިނަ އަނިޔާ ކުރިމަތި ވެއްޖެ، މިހާރު އޭނާގެ އުމުރުން 29، އޭނާ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އަހަންނަށް ހީވަނީ އަވަސް އަވަހަށް އަނިޔާވުންހެން މައިގަނޑު މައްސލައަކީ، ބަލްވަންތުއަށް ވެސް އެއްވަރެއްގައި ނުހިފެހެއްޓުނީ އަނިޔާގެ ސަބަބުން."