ބާސެލޯނާ

ހައިދަރުއާބާދު ދޫކޮށް ރޮކާ އެނބުރި ބާސާއަށް

ބާސެލޯނާގެ އާ ކޯޗް ރޮނަލްޑް ކޫމަންގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަން އިންޑިއާގެ ހައިދަރު އާބާދު އެފްސީގެ ކޯޗް އަލްބަޓް ރޮކާ، އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދީފި އެވެ.

އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީ ގޮވައިގެން ރާއްޖޭގެ ކުލަބުތަކާ ވާދަ ކުރަން، ގަލޮޅު ދަނޑަށް ވެސް އައި، ރޮކާ މަސައްކަތް ކުރާނީ، ކޫމަންގެ ޓީމުގެ ފިޓްނަސް ކޯޗެއްގެ ގޮތުގަ އެވެ. ބާސާއަށް ކުރިން ކޯޗް ކޮށްދިން ހޮލެންޑްގެ ފްރޭންކް ރައިކާޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ރޮކާ ވަނީ މީގެ ކުރިން ބާސެލޯނާގައި މަސައްކަތް ކޮށްފަ އެވެ. ތުރުކީގެ ގަލަތަސަރާއީގެ ކޯޗަކަށް އަދި ފަހުން ސައުދީ އަރަބިއާގެ ގައުމީ ޓީމު ކޯޗަކަށް ރައިކާޑް ބަދަލުވުމުން ވެސް ރޮކާ ވަނީ އޭނާ އާއެކު އެ ޓީމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ފަސް އަހަރު ވަންދެން، ބާސާގައި މަސައްކަތް ކުރި، ރޮކާ އަލުން ބާސާއަށް ގެންދަން ކޫމަންއަށް ހިޔާލު ދިނީ ރައިކާޑް ކަމަށް ބެލެވެ އެވެ. ހެޑް ކޯޗެއްގެ ގޮތުގައި ރޮކާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އެލް ސަލްވަޑޯގެ ގައުމީ ޓީމުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޭރު އިންޑިއާގެ އައި ލީގްގައި ވާދަ ކުރަމުން އައި ބެންގަލޫރު އެފްސީގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލަށް ބެންގަލޫރު ގެންގޮސްދިނެވެ. ބެންގަލޫރުގައި 2018 ވަނަ އަހަރުގެ ނިޔަލަށް އޭނާ މަސައްކަތް ކުރި އެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕަށް ފަހު އިންޑީއާގެ ގައުމީ ޓީމުގެ ކޯޗް ކަމުން އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓީން އިސްތިއުފާ ދިނުމުން، ރޮކާ ވަނީ އިންޑާއާގެ ކޯޗްގެ މަގާމަށް އައުމަށް މަސައްކަތް ކޮށްފަ އެވެ. އިންޑިއާގެ ފެޑްރޭޝަނުން ހުޅުވާލި ފުރުސަތުގައި އެ މަގަމަށް ހުށަހެޅި އެވެ. އިންޑިއާގެ ކޯޗް ކަމަށް އައުމަށް ފެޑްރޭޝަނުން ނޮމިނޭޓް ކުރި ތިން ކޯޗްންުގެ ތެރޭގައި ވެސް ރޮކާގެ ނަން ހިމެނި އެވެ. އިންޑިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ރޮކާގެ ކިބައިގައި ހުރި ނަމަވެސް، އޭނާއަށް ފުރުސަތު ނުދީ އިންޑިއާގެ ކޯޗް ކަމަށް ހަމަޖެއްސީ ކްރޮއޭޝިއާގެ ކުރީގެ ކޯޗް އީގޯ ސްޓީމަކް އަށެެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ކުރިއަށް އޮތް ސީޒަންގައި ހައިދަރު އާބާދުގައި މަސައްކަތް ކުރުމަށް އެ ޓީމުގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ މި އަހަރު ޖަނަވަރީ މަހު އެވެ. ހައިދަރު އާބާދަށް އެއްވެސް މެޗެއްގައި ކޯޗް ކޮށްދިނުމުގެ ފުރުސަތު ނުލިބި އޭނާ ވަނީ މިހާރު ޓީމުން ވަކި ވެފަ އެވެ.

ހައިދަރުއާބާދު އެފްސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޫމަންގެ ކޯޗިން ޓީމުގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތަށް މަގުފަހި ކުރުމަށްޓަކައި، ރޮކޯ އަށް ރިލީޒް ދޭން އެ ކުލަބުން ނިންމާފައިވާ ކަމަށެވެ. ކުލަބުން ވަކި ވަމުން ރޮކާ ބުނެފައި ހައިދަރު އާބަދުގެ ކުރިމަގު ބިނާ ކުރުމަށްޓަކައި އޭނާގެ މަޝްވަރާ ފޯރު ކޮށްދޭން ތައްޔާރަށް ހުރި ކަމަށެވެ.