އޮފްބީޓް

ފްލައިޓަކުން ފެން ތިކި ޖަހާތީ ކުޑަ ނަގައިގެން

އަހަރެމެންގެ ތެރޭގައި މިހާރު މަތިންދާބޯޓަކުން ދަތުރު ނުކުރާ މީހަކު ވަރަށް މަދުވާނެ އެވެ. ފްލައިޓަށް އެރުމާއެކު ކުރޫ މެމްބަރުން ދޭ އިރުޝާދުގެ ތެރޭގައި އިމަޖެންސީއެއް ދިމާ ވެއްޖެނަމަ ކަން ކުރާނެ ގޮތް ހިމެނެ އެވެ.

ނަމަވެސް ފްލައިޓުގައި އިންދާ ކުއްލިއަކަށް މަތިން ފެންތިކި ޖަހަން ފަށައި ކުޑަ ނަގައިގެން އިންނަން ޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟

ރަޝިޔާގެ ފްލައިޓަކަށް އެރި ބަޔަކަށް ތަޖުރިބާކުރަން ޖެހުނީ ހަމަ ހަގީގަތުގައި ވެސް މިފަދަ ކަމެކެވެ.

މި ފްލައިޓުން ދަތުރުކުރި މީހަކު ޓުވިޓާގައި ޝެއާ ކުރި ވީޑިއޯއަކުން ފެންނަނީ މިފަދަ މަންޒަރެކެވެ. މިއީ ރަޝިޔާގެ ކަބަރޯސްކް އިން ސޯޗީ އަށް ދަތުރުކުރި ރޯސިޔާ އެއާލައިންސްގެ ފްލައިޓެކެވެ.

މިހާރު ވައިރަލް ވެފައިވާ މި ވީޑީއޯގައި ފަސިންޖަރުން ކުޑަ ނަގައިގެން ތިއްބާ ފެނެ އެވެ. އެއީ މަތިން ފެން ފައިބާތީ ގަޔަށް ފެން ތިކި ޖެހިޔަ ނުދިނުމަށެވެ. ކުރިން ޝައްކުވީ މި ފެނަކީ ވާރޭ ވެހުމުގެ ސަބަބުން ފައިބާ ފެން ކަމަށެވެ. ނަމަވެސް ހަގީގަތުގައި މި ފެން ވީ މުޅިން އެހެން އެއްޗަކަށެވެ.

ޓައިމްސް ނައު ގައިވާ މި ރިޕޯޓުގައިވާ ގޮތުން މި ހާދިސާއަށް ފަހު ރޯސިޔާ އެއާލައިނުން ދަނީ މިކަން ދިމާވި ގޮތް ތަހުގީގު ކުރަމުންނެވެ. ފަހުން އެނގުނު ގޮތުގައި ފްލައިޓް ތެރެއަށް ފެން ތިކި ތެޅީ އެއާކަންޑިޝަންއެއްގެ މައްސަލަ ޖެހިގެންނެވެ.

ފްލައިޓުގެ މެދާ ދިމާލުގައި އެއާކަންޑިޝަންތައް ހަރުކޮށްފައި ހުންނަ ބޯޓު ފަހަރުގައި މި ކަހަލަ ކަންތައް ބައެއް ފަހަރު ދިމާވާ ކަމަށް ވެއެވެ.