އަކްޝޭ ކުމާރަކީ ކޮންމެ އަހަރަކުވެސް ބޮލީވުޑުން އެންމެ ގިނަ ފިލްމުތައް ކުޅޭ އެކްޓަރެވެ. ނަމަވެސް ކޮރޯނާވައިރަހާ ހެދި ގިނަ ދުވަސްތަކެއް އިންޑަސްޓްރީގައި ބޮޑުތަޅު އަޅުވާފައި ބާއްވަން ޖެހުމުން އަކްޝޭ އަށް މި އަހަރު ދެން ރިލީޒް ކުރެވޭނީ އެންމެ ދެ ފިލްމެވެ. އެއީ "ލަކްޝްމީ ބޮން" އާއި "ސޫރިޔަވަންޝީ" އެވެ. އަދި ލޮކްޑައުންގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ތިން ފިލްމެއްގެ މަސައްކަތް ފަށައި މިއަހަރު ތެރޭ ނިންމަން އަކްޝޭ ދަނީ ތައްޔާޜު ވަމުންނެވެ.
އެގޮތުން އޮގަސްޓް މަހު އޭނާ އެންމެ ފުރަތަމަ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ "ބެލްބޮޓަމް" އެވެ. މި ފިލްމު ވާނީ ހަތަރު މަހަށް ފަހު އަލުން ޝޫޓިންތައް ފަށާއިރު ބޭރު ގައުމެއްގައި ޝޫޓް ކުރާ ފުރަތަމަ ފިލްމަށެވެ.
މި ފިލްމުގެ ޝޫޓިންގް އަށް މާ ގިނަ މީހުންނެއް ބޭނުމެއް ނުވެ އެވެ. އެހެންވެ އަކްޝޭ އާއި ފިލްމު ކުރޫ އެއް މަސް ދުވަހު ސްކޮޓްލެންޑްގައި ތިބެގެން ފިލްމުގެ ބޮޑު ބައެއް ނިންމާލަން މިހާރު ވަނީ ރާވާފަ އެވެ. މި ފިލްމުގެ މައިގަނޑު ޝޫޓްކުރަން ޖެހެނީ އިންޑިޔާ ގައެވެ. އަކްޝޭ ރާވާފައިވާ ގޮތަށް ކަންތައް ގޮއްސިނަމަ ސެޕްޓެމްބަރު ހިސާބުގައި ރިލީޒް ކުރެވޭ ވަރު ވާނެ ކަމަށް އޭނާ ބުންޏެވެ.
ދެން އަކްޝޭ މިއަހަރު ކުޅޭނީ ޔާޝްރާޖް ފިލްމްސްގެ "ޕްރިތުވީރާޖް" އެވެ. މާޗް މަހު ފިލްމު ޝޫޓިންގްތައް ހުއްޓާލިއިރު އަކްޝޭ މަސައްކަތް ކުރަމުން ދިޔައީ މި ފިލްމުގަ އެވެ.
މިހާރު ބާކީ މި ފިލްމުގެ ނުނިމި އޮތީ 40 ޕަސެންޓެވެ. އެހެންވެ "ބެލް ބޮޓަމް" އަށް ފަހު އަކްޝޭ މި ބައިގެ ޝޫޓިން ފުރިހަމަ ކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމަކީ ތާރީޚީ ހާދިސާތަކެއް ދައްކުވައިދޭ ފިލްމަކަށް ވާތީ ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެހެންވެ ފިލްމު އުފައްދާ ފަރާތުން މާ އަވަސް އަރުވާލައިގެން މި ފިލްމު ނިންމާކަށް ނޫޅެ އެވެ.
މި ފިލްމުގެ ޝޫޓިންގް އަކްޝޭ ފަށަން މިހާރު ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު ނިމޭ ހާތާނގަ އެވެ. އަކްޝޭގެ އިތުރު ފިލްމެއްގެ ދެ ހަފުތާގެ ޝޫޓިންގް ބޭރު ގައުމެއްގައި ފުރިހަމަ ކުރަން ޖެހެ އެވެ. އެއީ ޑައިރެކްޓަރު އާނަންދް އެލް.ރާއީގެ "އަތުރަންގީ ރޭ" އެވެ. މި ފިލްމު ޝޫޓްކުރާނެ ގައުމަކާއި އެ ގައުމަކަށް ދާނެ ތާރީޚެއް އަދި ހަމައެއް ނުޖެހެ އެވެ.
ޑިސެމްބަރު ނުވަތަ ޖެނުއަރީ މަހު "ބައްޗަން ޕާންޑޭ"ގެ މަސައްކަތް އަކްޝޭ ފަށާނެ އެވެ. އެއީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އޭޕްރީލްގައި ޝޫޓިން ފަށައި ޑިސެމްބަރުގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް މިއަހަރު މި ފިލްމު ރިލީޒްކުރުމުގެ ފުރުސަތެއް މިހާރަކު ނެތެވެ.