ހަބަރު

ނިޔާފްގެ ވާހަކަތަކަށް ތާއީދު ކުރުމުން ރޮޒެއިނާއަށް ނުރުހުން

Jul 21, 2020
4

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން އޭޑީކޭގެ ނިއުރޮލޮޖިސްޓް ޑރ. އަލީ ނިޔާފް ރައްޔިތުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ތާއީދު ކުރެއްވުމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ އިސް ބައެއް މެންބަރުން ނުރުހުން ފާޅުކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ގަރާރު ނުވަތަ ގަރާރުގެ ބައެއް ބާތިލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތައް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުމާ ގުޅިގެން ހިޔާލު ހޯދުމަށް މަޖިލީހުގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ވެސް ތަމްސީލު ކުރައްވާ، ޑރ. ނިޔާފް ވިދާޅުވީ ބިލު ފަރުމާކޮށްފައިވާ ގޮތުން ސިއްހީ މާހިރުންގެ ބަހެއް އެކަމުގައި ނުހިމެނިދާނެ ފަދަ މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޕެންޑަމިކްގެ ހާލަތުގައި ގޮތް ކިޔާނެ ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިބި މީހުންނަށް ބާރު ނުފޯރުވެވޭނެ ފަދަ ގޮތަކަށް ބިލު ހަދާފައިވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނިޔާފް ވިދާޅުވި އެވެ.

އެ ވާހަކަތައް ރީޓުވީޓް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ޑރ. ނިޔާފް އެ ވިދާޅުވާ ވާހަކަތަކަށް ތާއީދު ކުރައްވާ ކަމަށާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު އިސްލާހު ކުރާއިރު، ކޮމިޓީން އެ ޝަކުވާތައް ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ރޮޒެއިނާއަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޗީފް ވިޕްގެ މަގާމްގައި ހުންނެވި ރޮޒެއިނާގެ ހިޔާލުތައް ޕާލިމެންޓަރީ ގްރޫޕު ތެރޭގައި މަޝްވަރާކޮށް އެކަމާ ބަހުސް ކުރެވިދާނެ ކަމަށާއި އެކަން ކުރާނީ ސޯޝަލް މީޑިއާގައި ނޫން ކަމަށެވެ. އަދި މިއީ ތާއީދު ހޯދުމުގެ މުބާރާތެއް ނޫން ކަމަށާއި އަމިއްލަ މީހާއަށް ތާއީދު ހޯދުމުގެ އެޖެންޑާއެއް ހިންގައިގެން ފައިދާއެއް ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްއަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އޭނާ ތާއީދު ކުރީ މަޖިލީހުގައި އާންމުކޮށް ހުޅުވާލި ފޯރަމެއްގައި ޑޮކްޓަރަކު ދެއްކެވި ވަރަށް ރަނގަޅު ހިޔާލަކަށް ކަމަށެވެ. އަދި އާޒިމް ދިން ރައްދާ މެދު ހައިރާންވާ ކަމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނޯވޭތޯ ވެސް ރޮޒެއިނާ ސުވާލު އުފެއްދެވި އެވެ.

ރޮޒެއިނާގެ ޓުވީޓުތަކާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލާ މެދު ރޮޒެއިނާ އާންމުންގެ ތެރޭ ހިޔާލު ފާޅު ކުރެއްވިއިރު އޭނާ އެ ބިލު ވިދާޅުވިހެން ހީނުވާ ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގެ ފޯރަމް ކުރިޔަށް ދިޔަ ވީޑިއޯ އަލުން ބައްލަވައިލެއްވުން ރަނގަޅުވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ގަރާރުގެ ބައެއް ފާސްކޮށްފައި އަނެއްބައި ދޫކޮށްލުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. އެހެން ނަމަވެސް މިހާރު އެ ގާނޫނު އޮންނަ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނީ ސިއްހީ މާހިރުންގެ ލަފަޔާ އެކު ހެލްތު މިނިސްޓަރެވެ.