ކެޓްރީނާ ކައިފް

ކެޓުރީނާއާ އިޝާންގެ "ފޯން ބޫތު" އިއުލާންކޮށްފި

އެކްސެލް އެންޓަޓައިންމަންޓުން މިދިޔަ އަހަރު ވަނީ އެ ކުންފުނިން ޕްރޮޑިއުސްކުރާ ފިލްމެއްގެ ތަރިންނަށް ކެޓުރީނާ ކައިފް އާއި އިޝާން ޚައްތަރު އަދި ސިދާންތު ޗަތުރަވޭދީ ހޮވާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ފަހުން ފިލްމާ ގުޅޭ މާ ގިނަ ޚަބަރުތަކެއް ނީވި އޮތުމަށްފަހު ހޯމަ ދުވަހު ވަނީ ފިލްމުގެ ފުރަތަމަ ފޮޓޯ ޝޫޓް ދައްކާލާފަ އެވެ.

އެކްސެލްގެ ހެޑް ފަރްހާން އަޚްތަރު ޝެއާ ކުރި މި ފޮޓޯ ޝޫޓްގައި ކެޓުރީނާ އާއި އިޝާން އަދި ސިދާންތު ފެންނަނީ ކޯޓު ފަޓުލޫނުގައި ތިއްބަ އެވެ.

ފަރްހާން ސޯޝަލް މީޑިއާގައި އިއުލާން ކުރި ގޮތުގައި މި ފިލްމުގެ ނަމަކީ "ފޯނު ބޫތު" އެވެ. އަދި މިއީ ބިރުވެރި ފިލްމެކެވެ. ފިލްމު ތައްޔާރުކުރަން ފަށަނީ އަންނަ އަހަރު ރިލީޒް ކުރަން ވިސްނައިގެން ކަމަށް ވެސް އޭނާގެ މެސެޖުގައި ބުނެފައި ވެއެވެ.

"ހުރިހާ ރޫހާނީ ކަމަކާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދަން މަޑުކޮށްލަން ޖެހޭ ފިހާރަ. ފޯނު ބޫތު 2021 ގައި ސިނަމާތަކަށް އަންނަނީ،" ފޮޓޯތަކާއެކު ފަރްހާން ޝެއާ ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ.

މިއީ ކެޓުރީނާ އާއި އިޝާން އަދި ސިދާންތު އެކަކު އަނެކަކާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އެކްސެލް އެންޓަޓައިންމަންޓްގެ ދެ ފިލްމެއް މީގެ ކުރިން ކެޓުރީނާ ކުޅެފައި ވެއެވެ. އެއި "ޒިންދަގީ ނާ މިލޭގީ ދޯ ބާރާ" އާއި "ބާރް ބާރް ދޭކޯ" އެވެ.
"ފޯނު ބޫތު" ޑައިރެކްޓްކުރަނީ ގުރުމީތު ސިންގް އެވެ.