ވާހަކަ

ރީތީ ހީނލީމާ

(ބާރަވަނަ ބައި)

އަހަންނަށް ވިސްނައިލެވުނެވެ. ނިޔާޒު ބުނި ވާހަކައާ މެދުގައެވެ. ދެތިން ފަހަރު ވިސްނައިލީމެވެ. ސިކުނޑިއަށް ތިލަވީ އެންމެ ކަމެކެވެ. ކުރީގެ ތަޖުރިބާތަކާއި ހަނދާންތައް އެއްކޮށްލުމުން ވެސް ވަށައި ޖެހުނީ ހަމަ އެންމެ ކަމެކެވެ.

"އަހަރެން ބިލް ދައްކައިލަފާނަން." ހިނިތުންވެލަމުން އަހަރެން ބުނެލީމެވެ.
"ކައޭއަށް ވަރަށް ވިސްނޭ ދޯ." ސައިކަލަށް އަރަމުން ނިޔާޒު ބުނެލިއެވެ.
"ނޫނޭ. ނިޔާމެންނަށް ވިސްނޭ ވަރަކަށް ނުވިސްނޭ ކަންނޭނގެ. އަހަރެން ވިސްނާ ގޮތާ ނިޔާމެން ވިސްނާ ގޮތާ ވަރަށް ތަފާތުވާނެ. ފަހަރެއްގަ ވެދާނެ އަހަރެން މިހުންނަނީ މާ ކަޓު ބޯދާ ވިސްނުމެއް ކަމަށް ވެސް." ނިޔާޒުގެ ހިތްހަމަ ޖައްސާ ދިނުމަށް އަހަރެން ބުނެލީމެވެ.
"އާނ! މިހާރު ކަލޭއަށް ވިސްނޭ. ކައޭގެ ވިސްނުން އެބަޖެހޭ ޓްރާންސްފޯމްކޮށްލަން. މުޅި އެތި އެއްކޮށް. މާ އިނޮސެންޓްވެގެން މި ޒަމާނަކު ނޫޅެވޭނެ. ލިބޭނީ ހުސް ލަނޑު. ކައޭއަށް މި ވިސްނޭނެ."

ވާހަކައިގައި އިންދާ ގެއާ ހަމައަށް އާދެވުނު ގޮތް ވެސް ނޭނގުނެވެ.

"ތޭންކްސް އިނގޭ." ނިޔާޒު ލާނެތް ގޮތަކަށް ބަލައިލީ އަހަރެންގެ މޫނަށެވެ. "ކަމެއް ބޭނުން ނަމަ ގުޅައިލާތި."
"އާނ! އަދި ވާނެ ކޮފީއަކަށް އަރަން ދޯ."
"ސަލާމަތުން ހުރެވެއްޖެއްޔާ ތާ!" ނިޔާޒު ލާނެތް ގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ.
އޭނާ އުޅުނީ ނުދެވިގެންނެވެ. އަހަރެން ވާހަކައެއް އަހައިލަން ބޭނުންވެގެން ހުއްޓާ އޭނާ ސައިކަލް ސްޓާޓް ކޮށްލިއެވެ.
"މަޑުކޮށްބަލަ! ދެންމެ ބުނީމެއްނު ކޮފީގެ އަގު ނުލިބޭ ގޮތަށް... ދެން ތިބުނީ ސަލާމަތުން ހުރިއްޔާއޭ. އެ ބުނީ ކީކޭތަ؟" އަހަރެން ހިތުގައި ފުފެމުންދިޔަ ސުވާލުތައް ބޭރުކޮށްލީމެވެ.
"ބިލް ދެއްކީނު،" ނިޔާޒު ދިނީ އާދައިގެ ޖަވާބެކެވެ. "މަށަކީ ޖަލަށް ފަރިތަ، ކަމަށް ގަދަ، ލޮލަށް ހީލަތްތެރި މީހެކޭ ބުނީ ކައޭއެއްނު. އެހެންވީމަ އެވާހަކަ މި ހަނދާންކޮށްދިނީ."

އޭނާ ބޭނުންވީ އަވަހަށް ދާށެވެ. އޭނާ ސައިކަލް ދުއްވާލިއެވެ. އަހަންނަށް އަތް ހިއްލައިލެވުނެވެ. ނިޔާޒު ދެއްކި ވާހަކައިގެ ސަބަބުން ބޮލުގައި ސުވާލުތައް ގިނަވެގެންނެވެ. ބައެއް ސުވާލުތަކުގެ ޖަވާބެއް ފަހުމު ނުވެގެންނެވެ. ދެ ފިކުރެއްގައި ހުރެ އެތެރެއަށް ހިނގައިގަތީމެވެ. އެންމެ ފަހުން ނިޔާޒު އެ ބުނި ޖުމުލަ އަހަރެންގެ ހިތުގައި ތަތްވި ކަހަލައެވެ. އަހަންނަށް އެ ޖުމުލަ ކިޔައިލެވުނެވެ.

"ޖަލަށް ފަރިތަ، ކަމަށް ގަދަ، ލޮލަށް ހީލަތްތެރި..." ދެތިން ފަހަރަކު އެ ލަފުޒުތައް ތަކުރާރުކޮށްލެވުނެވެ.
އެހެން ބުނެވުނު ހަނދާނެއް ވޭތޯ ވިސްނައިލެވުނެވެ. އެއްވެސް ޒަމާނެއްގައި އެކަހަލަ ވާހަކައެއް ދެކެވުނު ބާވައޭ ހިތަށް އެރިއެވެ. ފިކުރުތަކުގެ ތެރެއަށް ގެނބިފައި ހުރެ ކޮޓަރިއާ ހަމައަށް ދެވުނެވެ.

ކޮޓަރި ހުޅުވާލަން ތަޅުގައި ހިފައިލީމެވެ. ފާޑެއްގެ ހީގަނޑެއް މުޅި ގަޔަށް ވެއްޓިގަތެވެ. ކޮޓަރީގެ ތަޅު ނުލައި ހުރުމުންނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދުތައް އަވަސްވެ ބާރުވާން ފެށިއެވެ. މޭގެ ތެޅުމާ އެއްވަރަށް ނޭވާ އަވަސްވަމުން ދިޔައެވެ. ބޭއިހުތިޔާރުގައި އަވަސްއަވަހަށް ހިންދިރުވުނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އިވުނީ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އަހަންނަށް ވަށައިގެން ހޯދައި ލެވުނެވެ. އެތަން މިތަނަށް ބެލުނެވެ. ލޮލުގައި އަޅައިގަތީ މުށިގަނޑު މަތީގައި ހުރި ދޫނި ފަތްތަކެވެ. އޭރު ވެސް ހުދުކުލައިގެ ބައެއް ދޫނި ފަތް ކޮޓަރި ތެރޭގައި އުދުހެމުން ދިޔައެވެ.

"ފިނާ." އަހަންނަށް ލަސްލަހުން ފިނާގެ ނަން ކިޔައިލެވުނެވެ.

ފިނާ އިނީ އެނދުގެ ކަނަށްވަދެ ފިލައިފައެވެ. އޭނާގެ ބޯވަނީ ހޭވިފައެވެ. އިސްތަށިތައް ހުރީ މޫނުގައި ތަތްވެފައެވެ. މީހާ އިނީ ބިރުން ތުރުތުރު އަޅާ ހާލުގައެވެ. ދެފައި ވަނީ ގަޔާ ކައިރިކޮށްލެވިފައެވެ. ގައިގައި އޮޅައިލެވިފައި ވަނީ ހުދުކުލައިގެ ބެޑުޝީޓެވެ.

އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. ކޮންމެ ވެސް ބޮޑު ކަންތައް ގަނޑެއް ކޮޓަރީގައި ހިނގައިފި ކަމަށް ހިތް ބުނެލިއެވެ. ކުރިއަށް ހިއްލުނު ފިޔަވަޅާއެކު ފައިގައި އެއްޗެއް ޖެހުނެވެ. ލަސްލަހުން ބަލައިލެވުނީ ތިރިއަށެވެ. ފަޔަށެވެ. އެއީ ދަށުންލާން ގެންގުޅޭ ތަކެއްޗެވެ. ފިނާގެ ސާމާނެވެ. އަހަންނަށް ޔަގީން ކުރެވުނެވެ. ސުވާލުގެ ނަޒަރުން އަނެއްކާ ބަލައިލެވުނެވެ. އިތުރު އެއްޗެއް ފެނުމުންނެވެ. ޔަގީންވަނީ އެއީ އަހަރެންގެ އެއްޗެއް ނޫންކަމެވެ.

ފިނާއަށް ކުރިމަތިވެފައި ވަނީ އާދައިގެ ކަމެއް ނޫންކަމެވެ. ކޮޓަރިއަށް ނަޒަރު ހިންގައިލުމުން އެކަމަށް ހެކި ލިބެއެވެ. އެނދުމަތީގައި ފަޅައިގެން އޮތް ބާލީހާއި މުށިގަނޑު މަތީގައި ހުރި ދޫނި ފަތްތަކުން ސުވާލުތަކުގެ ޖަވާބުތައް ލިބެމުންދިޔައެވެ. ނަމަވެސް، ހިތުގައި ތެޅިގަތީ ދެތިން ސުވާލެވެ.

"ކީއްވެ؟ ކާކު؟" ސުވާލު ނުކުރަން ކުރަން ހުއްޓާ މަޑުމަޑުން ބުނެލެވުނެވެ.

އަވަސްއަވަހަށް ކަޅި ޖަހައިލެވުނެވެ. ފިނާގެ މޫނަށް ދެފަހަރަކު ބަލައިލެވުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ.

"ފިނާ." އަހަންނަށް ގޮވައިލެވުނެވެ.
ފިނާގެ ގިސްލުން އިތުރުވިއެވެ. އޭނާ އިނީ ބިރުން ރޫރޫއަޅައެވެ.
"ފިނާ." އަހަރެން ބޭނުންވީ ފިނާއާ ގާތަށް ޖެހިލާށެވެ.
އެނދުގައި އިށީނދެ ފިނާގެ ގާތަށް ޖެހިލީމެވެ. ފިނާ އުޅުނީ އަހަންނާ ދުރަށްދާށެވެ. އަހަންނަށް ބަލައިލެވުނީ ފިނާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. އެ ދެ ލޯވަނީ ރަތްވެފައެވެ. މީހާވަނީ ވަރުބަލިވެގެން ގުނބުހިލިފައެވެ.
"މި ކޮން ކަންތައް ގަނޑެއް؟" އެނދަށް އަރައި ފިނާއާ ގާތަށް ޖެހިލީމެވެ.
"ދުރަށްދޭ! ދުރަށްދޭ! މި ބުނީނު ދާށޭ." ފިނާ ބާރުބާރަށް ހަޅޭއްލަވާގަތެވެ.
އަހަންނާ ދިމާއަށް އަތްހޫރަމުން އަހަންނާ ދުރަށް ދާން އޭނާ އުޅުނެވެ.
"އޭ! ހަމަޖެހިބަލަ މި މަށޭ." އަހަރެން އޯގާތެރިކަމާއެކު ބުނެލީމެވެ.
"ދޫކުރޭ! ދޫކުރޭ! އަހަރެން ގައިން ދޫކުރާށޭ." ފިނާގެ ކޮނޑުގައި ހިފައިލުމުން އޭނާގެ ދެއަތުން އަހަރެން ގައިގައި ތަޅާގަތެވެ.
"ބަލަ ހަމަޖެހިބަލަ! އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް." ފިނާގެ ގައިން ދޫކޮށްލަމުން އަހަރެން ބުނެލީމެވެ.

ފިނާ ރޯންފެށިއެވެ. ބާރުބާރަށެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ ދެ ލޮލަށެވެ. އަހަންނަށް ވެސް ބަލައިލެވުނީ އޭނާގެ ލޮލަށެވެ. އެ ދެ ލޯ ވަނީ ރަތްވެފައެވެ. ދެ ލޯ ހީވަނީ ބޭރަށް ފުންމާލަން ތައްޔާރުވެފައިވާ ހެންނެވެ. ރޮއިރޮއި ގޮސް ދެ ލޯ ރަތްވެ ކަރުނަ ހުސްވަން ތައްޔާރުވެފައިވާ ކަހަލައެވެ. ދެ ލޯ ކައިރިވަނީ ފޯވެ ކަޅުވެފައެވެ.

"މި ކޮން ކަމެއް؟" އަހަރެނ ވައި އަޑުން ބުނެލީމެވެ.

ފިނާއަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. އޭނާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ބާރުބާރަށެވެ. ގިސްލަމުން ރޮމުންނެވެ. އަހަންނަށް އިނދެވުނީ ބަލާށެވެ. އޭނާގެ ބުރަކަށީގައި ފިރުމާށެވެ. ފިނާ ހިތްހަމަ ޖެހެންދެން ރޮއިލަން ފުރުސަތު ދީގެންނެވެ.

ފިނާގެ ހަރަކާތްތައް ހުއްޓުނެވެ. އަހަންނަށް ގަޔާ ދުރަށް ޖައްސާލެވުނެވެ. އޭރު ފިނާގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. މުޅި މީހާވަނީ ހިމޭންވެފައެވެ. ފިނާގެ ކަނދުރާގައި ވަރު ނެތި ބޯ ވެސް އެލުނެވެ. އަތާއި ފައިން ވެސް ވަރު ދިޔަ ކަހަލައެވެ.

އަހަންނަށް ތެޅި ގަނެވުނެވެ. އަވަސް އަވަހަށް ކައުންޓަރަށް ގުޅައިލީމެވެ. ލަސްތަކެއް ނުވެ ފިނާ ހޮސްޕިޓަލަށް ގެންދެވުނުވެ. މައްސަލަ ފުލުހުންނާ ހަމައަށް ގެންދިޔައީމެވެ. ތަހުގީގަށް ކޮޓަރި ބަންދުކުރެވުނެވެ. އަހަރެން އިނީ ހޮސްޕިޓަލުގައެވެ. ފިނާގެ ޚަބަރެއް ލިބޭތޯ އިންތިޒާރުގައެވެ.

އައިސީޔޫއަށްލީ ފަހުން ފިނާގެ ޚަބަރެއް ނުވެއެވެ. އިރުއިރު ކޮޅާ ނަރުހުންނާ ވާހަކަދެކެވެއެވެ. އެމީހުން އަހަންނަށް ވިސްނައިދެއެވެ. ކެތްތެރިވުމަށް ނަސޭހަތްދީ ހިތްވަރުގެ ބަސްތަކާއެކު ހިނިތުންވެލައެވެ. އެންމެފަހުން، ފިނާގެ ބައްޕައަށް ޚަބަރުދޭން އަހަރެން ނިންމީމެވެ. ވެގެން އުޅޭގޮތް ނޭނގޭތީ ކަންވީ ގޮތްތައް ކިޔައިދިނީމެވެ. އިރުކޮޅެއްވީ އިރަށް ސިރާޖު ވެސް ހޮސްޕިޓަލަށް އައެވެ.

"ކިހިނެއްތަވީ؟" ސިރާޖު އަހައިލިއެވެ.
"ނޭނގެ. ފިނާ އޮތީ ނިދަން. އަހަރެން ނުކުތީ ރައްޓެއްސަކު ގުޅައިގެން ކޮފީއަކަށް. ދެން އާއިރު ފިނާ އިނީ ބިރުން ރޫރޫ އަޅައި، އަހަރެން ފެންނައިރަށް އޭނާ އޮޅުލައިގެންފަ ޚަބަރު ހުސްވީ." އަހަރެން އޮޅުން ފިލުވައިދިނީމެވެ.
"އެއްޗެކޭ ބުނިތަ؟" ސިރާޖު އަހައިލިއެވެ.
"ނޫން! ވާހަކައެއް ވެސް ނުދައްކާ! އަހަންނަށް ހީވަނީ ކޮންމެވެސް ބަޔަކު ކޮޓަރިއަށް ވަދެ ފިނާއަށް ކަމެއް ކޮށްފިހެން. އެހެންވެ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފިން." އަހަރެން ކިޔައިދިނީމެވެ.
"އަހަރެން ވެސް ދިޔައީމޭ ކޮޓަރި ކައިރިއަށް. ޚަބަރެއް ނުވެގެން. ގޮސް ޓަކި ޖަހައިޖަހައި ވެސް ނުހުޅުވީމަ އައީ. ފޯނު ނިވިފަ އޮތީމަ ނުގުޅިގެން ދިޔައީ." ސިރާޖު ނިތްކުރިއަށް ދެތިން ރޫ އަރުވާލަމުން ބުނެލިއެވެ.
އަހަންނަށް ބަލައިލެވުނީ ސިރާޖުގެ މޫނަށެވެ. ފުންކޮށް ބަލައިލެވުނީ އޭނާގެ ކަނދުރާއާ ދިމާއަށެވެ.
"ކޮން ވަކި ތަކެއް؟" ސިރާޖުގެ ކަނދުރާއަށް އިޝާރާތްކޮށްލަމުން އަހައިލީމެވެ.
"އާނ! ދައްތަގެ މަންޖެއާ ސަކަރާތް ޖަހަން އުޅެނިކޮށް، އޭނާ ވަކި އަޅުވާލައިފަ. ބޭސް އުނގުޅައިލީމަ އޯކޭ ވެފަ އެހުރީ." ޓީޝާރޓުގެ ގިރުވާނުން ކަނދުރާމަތި ފޮރުވަމުން ސިރާޖު ބުނެލިއެވެ.
"އެހެންތަ؟" އަހަންނަށް އެހެން ކަމެއް ވެސް ފާހަގަވާން ފެށިއެވެ.

ސިރާޖުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ މީހާ ހިމޭންވަމުން ދިޔަކަމެވެ. ނޫންކަމަށް ހެދެން އޭނާ މަސައްކަތް ކުރާކަމެވެ. ކަމެއް ފޮރުވަން އުޅޭކަމެވެ. އެކަހަލަ ދެތިން ކަމެއް ފާހަގަވާން ފެށިއެވެ.

ފުންކޮށް ވިސްނައިލެވުނެވެ. ފުން ނަޒަރަކުން ބަލައިލެވުނެވެ. ސިރާޖުގެ އުނަގަނޑާ ދިމާއަށެވެ. އޭނާގެ އުނގަނޑުގެ ވަށަމިން ވަޒަންކޮށްލަން ބޭނުންވީއެވެ. އޭނާ އިށީނދެ އިނުމުން އެކަން ފަސޭހައިން ކުރެވޭކަށް ނެތެވެ. ކޮންމެވެސް މަކަރެއް ހަދަން ސިކުނޑި ބުނެލިއެވެ.

"އަހަންނަށް ހަނދާން ނެތިގެން ޖީންސެއް ނުގެނެވޭ. ކޮން ތާކުންތަ މިރަށުން ޖީންސެއް ގަންނަން ލިބޭނީ؟" ޖީންސުން ތެމިފައިވާ ތަން ދައްކާލަމުން އަހަރެން ބުނެލީމެވެ. "ފެން އެޅި ދެމިފަ ހުރީމަ."
"މި ގަޑީ ބަންދުކޮށްފަ ހުންނާނީ،" ސިރާޖު ބުނެލިއެވެ. "މަގޭ ޖީންސެއް ހެޔޮވަރުވާނެތަ؟ ގެނެސްދީފާނަން، ފިހާރަ ހުޅުވާނީ ދެން ދޭއް ޖަހާއިރު."
"ހޫމް! އަހަރެން ތިރީސް، ސިރާ ކިހާވަރެއް؟"
"ތިރީސް ހަމަ. އެހެންވީމަ ވާނެ،" ސިރާޖު ތެދުވިއެވެ. "މިއަންނަނީ."

އޭނާ ހިނގައިގަތީ ބޭރަށް ނުކުންނާށެވެ. އަހަންނަށް އިނދެވުނީ ބަލާށެވެ. އޭނާގެ އުނަގަނޑަށެވެ. ސިފަވަމުން ދިޔައީ ކޮޓަރީގެ މުށިގަނޑު މަތީ އޮތް ކުރު ސޯޓެވެ. އެހެންވެ ކަޅި ޖަހައި ނުލައި އަހަންނަށް ބެލުނީ ސިރާޖުގެ އުނަގަނޑަށެވެ. ޝައްކުގެ ނަޒަރުން އޭނާއަށް ބަލަން މަޖުބޫރުވާނެ ގިނަ ކަންކަން ކޮޓަރިން ވެސް ފެނުނީމައެވެ. އޭނާ ކޮޓަރިއަށް ދިޔަކަމަށް ބުނީތީއެވެ.

"ފިނާގެ އެހީތެރިޔާއަށް އެބަ ގޮވާލައްވާ." އަވަސްފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވާލަމުން ނަރުސް ކުއްޖާ ބުނެލި އަޑު އިވުނެވެ.

އަހަރެން އަވަސް އަވަހަށް ތެދުވެ ބަލައިލީމެވެ. ނަރުސް ކުއްޖާ ހުރީ ލުއި ގޮތަކަށް ހިނިތުންވެލައިގެންނެވެ. (ނުނިމޭ)