ހަބަރު

ރާއްޖެ މިއޮތީ އިސްތިއުމާރީ ބާރަކުން ހިފީމަ އޮންނަ ގޮތަށް: ޑިފެންސް ޗީފް

Jul 21, 2020
24

ރާއްޖެއިން މިހާރު ފެންނަނީ ބޭރުގެ އިސްއިތުމާރީ ބާރަކުން އަރާ މި ގައުމު ހިފުމުން ފެންނާނެ ކަހަލަ މަންޒަރުތަކެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފަ ކުރައްވާ އިންޒާރު ކުރައްވައިފި އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝަމާލް ވިދާޅުވީ ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއް ވެފައި އޮތް މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގައި މިއަދު 179،954 ބިދޭސީން ރަޖިސްޓަރީ ވެފައިވާއިރު 66،000 އަށް ވުރެ ގިނަ ބިދޭސީން ޑޮކިއުމަންޓެއް ނެތި އުޅޭ ކަމަށެވެ. އެ އަދަދުތައް ޗީފް ވިދާޅުވީ ސިފައިން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ.

"އެހެން ގޮތަކަށް ދަންނަވާނަމަ 250،000 އެއްހާ މީހުން އެބައުޅޭ ބޭރު މީހުން. މީގެ ތެރެއިން ބޮޑު ޕަސެންޓަކީ ރަޖިސްޓާ ނުކޮށް ތިބި މީހުން. މިކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް އޮތް ބޮޑު ނުރައްކަލެއް," ޝަމާލް ވިދާޅުވި އެވެ.

ޑިފެންސް ޗީފް، ވިދާޅުވީ މި ޒަމާނަކީ އެއް ގައުމު އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ ހިފާ ޒަމާނެއް ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖެ ކައިރީ އޮތް ބަޔަކު ވަނީ ހުޅުވިފައިވާ އަދި ރެގިއުލޭޓް ނުކުރެވި އޮތް ބޯޑަރުތަކެއްގެ ތެރެއިން ރާއްޖެއަށް އަރާފައި ކަމަށެވެ. އަަދި މިހާރު ރާއްޖެއިން ފެންނަނީ ވެސް ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނާނެ ފަދަ މަންޒަރުތަކެއް ކަމަށެވެ.

ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން މި ހުންނަ ކަންކަން މި ފެންނަނީ މިހާރު ބިދޭސީންގެ ފަރާތުން. އަަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކުން މިވަނީ އެ މީހުން ފޫއަޅުވާލާއި ވަދެފައި. ދިވެހިންނާ ކައިވެނި ކުރުމާއި މިހެން ގޮސް ހުރިހާ ދިމާލަކަށް... މިހާރު އަދި ކުށްތަކުގައި ވެސް އެ މީހުން ޝާމިލުވެ ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ... އެހެން ގޮސް އެންމެ ފަހުން ފުލުހުންނާ އެ މީހުން ކުރިމަތިލީ،

"ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން މި ހުންނަ ކަންކަން މި ފެންނަނީ މިހާރު ބިދޭސީންގެ ފަރާތުން. އަަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކުން މިވަނީ އެ މީހުން ފޫއަޅުވާލާއި ވަދެފައި. ދިވެހިންނާ ކައިވެނި ކުރުމާއި މިހެން ގޮސް ހުރިހާ ދިމާލަކަށް... މިހާރު އަދި ކުށްތަކުގައި ވެސް އެ މީހުން ޝާމިލުވެ ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ... އެހެން ގޮސް އެންމެ ފަހުން ފުލުހުންނާ އެ މީހުން ކުރިމަތިލީ،" ޝަމާލް ވިދާޅުވި އެވެ.

ގައުމީ ސަލާމަތަށް މި މައްސަލަ ވެގެން ދަނީ އެހެން ގައުމެއްގެ ބަޔަކު އަރާ އަދި އެ މީހުންގެ މައްޗަށް ގާނޫނެއް އަދި ގަވައިދެއް ވެސް ނުހިންގޭ ގަވައިދާ ހިލާފު މީހުން ކަމަށްވާތީ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި މިހާރު މިކަން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ގޮސްފައިވާއިރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ވުރެ ރާއްޖޭގައި އޮތް ބިދޭސީންގެ އާބާދީ ބޮޑު ކަން ވެސް ޝަމާލް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ ސީރިޔަސް މައްސަލަ ހައްލު ކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބައްދަލު ކޮށްފަައި މިކަމަކީ ނޭޝަނަލް ސެކިއުރިޓީއަށް ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވަނީ ނިންމާފައި. އެ ހިސާބުން ފެށިގެން މި އޮތީ ވަރަށް ބޮޑަށް ނޯމަލް ޕްރޮސީޖާއަށް ވުރެ ބޮޑަށް ފާސްޓް ޓެރެކެއްގައި އެ މީހުން ހައްޔަރު ކުރުމާއި ފޮނުވާލަން ޖެހޭ މީހުން ފޮނުވުމާއި މިކަހަލަ މުހިންމު ފިޔަވަޅުތައް އެޅުމަށްތަކައި މަޝްވަރާ ކުރެވިފައިވޭ،" ޝަމާލް ވިދާޅުވި އެވެ.

ޗީފް ވިދާޅުވީ ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކުން ގަަވައިދާ ހިލާފު އެތައް ބިދޭސީންތަކެއް އެތެރެ ކުރާ ކަމަށާއި ކުރިޔަށް އޮތް ހަ އަހަރުގެ މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ވެސް ރާއްޖޭގައި ބިދޭސީން އެބަތިބި ކަމަށެވެ. އެހެންކަމުން އެ ބިދޭސީން އަލުން ގާނޫނުގެ ތެރެއަށް ވައްދާ ބޭނުން ހިފުން ފަދަ ހައްލުތައް ގެންނަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަަށް ލަފާ ދީފައިވާނެ ކަމަށެވެ.

"މިއީ ބޮޑު ކަމެއް. 24 ގަޑިއިރުން ހައްލުވާނެ ކަމެއް ނޫން. ރާއްޖޭގެ ސޮވިރިނިޓީއަށް [ސިޔާދަތަށް] ނޭޝަނަލް ސެކިއުރިޓީއަށް އޮތް ތުރެޓެއް މިއީ. މިކަމަށް ވަރަށް ރެޑިކަލް އިޝޫއެއް. އެހެންވެ ރެޑިކަލް މައްސަލައަކަށް ރެޑިކަލް ސޮލިއުޝަނެއް ކަންނޭނގެ ގެންނަން ޖެހެނީ،" ޝަމާލް ވިދާޅުވި އެވެ.

މި ވާހަކަތައް ޝަމާލް ވިދާޅުވުމާއެކު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ކޮމިޓީ އާންމުކޮށް ހުޅުވާލެވިފައިވާ ކަން ހަންދާން ކޮށްދެއްވާފަ އެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ސިއްރު ވާހަކަތަކެއް ހާމަ ކުރަން ބޭނުންފުޅުވެ ވަޑައިގަންނަވަ ނަމަ ސިއްރުކޮށްގެން ކުރިޔަށް ގެންދެވިދާނެ ކަމަށް ޝަރީފް ވިދާާޅުވި އެވެ. އެހާ ހިސާބުން ކޮމިޓީ ސިއްރު ކުރި އެވެ.