ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ބިލާއި ޑޮކްޓަރުންގެ ލަފައާ ފުށު އެރުމެއް ނެތް: ނަޝީދު

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަ ބިލް އޮތީ ސިއްހީ މާހިރުންގެ ސިއްހީ ލަފާ ހޯދަން ޖެހޭ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ، ބިލަށް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުގައި ބޭއްވި ފޯރަމެއްގައި އޭޑިކޭގެ ނިއުރޮލޮޖިސްޓް ޑރ. އަލީ ނިޔާފް ހުށަހެޅުއްވި ހިޔާލުތަކާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންގެ ހިޔާލުތައް ވަރަށް ބޮޑަށް ތަފާތު ވެގެން ޓްވީޓާގައި ބަހުސް ކުރައްވަމުން ދަނިކޮށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ފޯރަމްގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ވެސް ތަމްސީލު ކުރައްވާ ޑރ. ނިޔާފު ވިދާޅުވީ ސިއްހީ ކުއްލި ހާލަތުގެ ގަރާރު ބާތިލް ކުރުމާއި ގަރާރަށް ބޭނުން ބަދަލެއް ގެނައުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށް އެކަނި އޮތުމުން ސިއްހީ މާހިރުންގެ ލަފާ ނެތި އެ ކަންކަން ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން ސިއްހީ މާހިރުންގެ ލަފައާއެކު ނިންމާ ގޮތަށް އެ މާއްދާ ބަދަލުކޮށްދޭން އެދިވަޑައިގަތެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާއި ޑރ. އަލީ ނިޔާފް ފާހަގަ ކޮށްދެއްވި ނުކުތާއާ އެއްވެސް ފުށު އެރުމެއް ނެތް ކަމަށެވެ. ޑރ. ނިޔާފު ފާހަގަކޮށްދެއްވީ ވަރަށް މުހިއްމު ނުކުތާއެއް ކަމަށާއި ބިލު އޮތީ ހަމަ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ޑރ. ނިޔާފް ވަރަށް މުހިއްމު ވާހަކަތަކެއް ފާހަގަ ކޮށްދެއްވި. ޑޮކްޓަރު ވިދާޅުވާ ވާހަކައަކީ ސިޔާސީ މީހުން ކަންކަން ނިންމާއިރުގައި ސިއްހީ ލަފާ އޭގެ ތެރޭގައި ހިމެނެން ޖެހޭނެ ކަމަށް. އަޅުގަނޑު ހިތުން ފުށެއް ނާރާ. މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި އޮތް ގޮތަށް ޑރ. ނިޔާފް އެ ވިދާޅުވަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުން ކަންކަން ނިންމާއިރުގައި ސިއްހީ ލަފާގެ އިތުރުން އިޖްތިމާއީ ލަފައާއި މާލީ ލަފައާއި އިގްތިސާދީ ލަފައާއި ހޯދަން ޖެހޭ ހުރިހާ ފަންނީ ލަފާތައް ހޯދަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މަޖިލީހުން ކަންކަން ނިންމާއިރުގައި ފަންނީ މާހިރުންގެ ލަފާ ހޯދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޑޮކްޓަރުން ސިއްހީ ލަފާ ދެއްވުމުން ސިޔާސީ ބޭފުޅުން އެ ކަންކަމުގެ ފަހަތުން ބައި ޖައްސަވަން ފެށުމުން އެ ކަމާ ޑޮކްޓަރުން ކަންބޮޑުވާނެ ކަމަށެވެ. މަޖިލީހަށް ހުށަހެޅޭ މިފަދަ ބިލުތަކުގެ ބަހުސްގައި ޑޮކްޓަރުން ބައިވެރިވުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެ ގޮތަށް ކުރިއަށްދާން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޑޮކްޓަރުން މި ބަހުސްގައި ބައިވެރިވުމަކީ މުހިއްމު ކަމެއް. މަޖިލީހަށް ހުށަހެޅި ބިލަކީ ވެސް މިހާރު މި ހާލަތު ކުރިމަތިވުމުން ލިބުނު ފިލާވަޅާ އެކީގައި ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިމަޑުކަމުގެ ހާލަތުގައި ކުރިއަށް ދާނެ ގޮތަށް އޮތް ބިލެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ޑރ. ނިއާފް ދެއްކެވި ވާހަކަތަކަށް ޓްވިޓާގައި މަޖިލީހުގެ ބައެެއް އެމްޑީޕީ މެންބަރުން ރައްދު ދެއްވަމުން ގެންދެވި އެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވަނީ މަޖިލީހުގެ މަސައްކަތް ކުރިއަށް ދާތީ ބަޔަކު ހިތްހަމަނުޖެހެނީ ކަމަށެވެ. ނިއާފްގެ ވާހަކަތަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވުމުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވިދާޅުވެފައިވަނީ ރޮޒައިނާ އެ ވާހަކަ ދައްކަވަނީ ބިލުގައިވާ ވާހަކަ އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.