އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ހާލަތުގެ ގަރާރުގެ ބިލަށް ސިއްހީ ބޭފުޅުންގެ ގިނަ ކަންބޮޑުވުންތަކެއް

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ސިއްހީ ދާއިރާގެ ބޭފުޅުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނޫގައި ގާނޫނީ ގިނަ މައްސަލަތަކެއް ފާހަގަކުރެވޭތީ އެ ކަން ހައްލު ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ ކަމަށް ހުށަހެޅުއްވި ބިލެކެވެ. އެހެންކަމުން ބިލު ދިރާސާކުރަމުން ދަނީ ވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި މިރޭ ކުރިއަށް ދިޔަ އާންމު ބައްދަލުވުމުގައި ސިއްހީ ޖަމިއްޔާތަކުގެ ފަރާތުން ވާހަކަ ދެއްކެވި ސިއްހީ ބައެއް ބޭފުޅުންނާއި ޑޮކްޓަރުން ވަނީ އެ ބިލްގައި ރައްޔިތުންގެ މަޖިލީހަށް ސިއްހީ މައްސަލަތަކުގައި ކަން ނިންމުމުގެ ބޮޑެތި ބާރުތަކެއް ދިނުމަށް އޮތުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ޑރ. އަލީ ނިޔާފް ވާހަކަ ދައްކަވަމުން ވިދާޅުވީ، ސިއްހީ ކުއްލި ހާލަތު ގެނައުމުގައި މަޖިލީހަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދޭ ކަމަށެވެ. އެ ގޮތުން ހާލަތުގެ ގަރާރު ބާތިލް ކުރުމާއި ގެންނަން ބޭނުންވާ ބަދަލެއް ގެނައުމުގެ ބާރު މަޖިލީހަށް އޮންނަ ގޮތަށް ބިލްގައި އޮތް ކަން ފާހަގަކުރެއްވި އެވެ.

ޑރ. ނިޔާފް ވިދާޅުވި ގޮތުގައި، އޭނާގެ ކަންބޮޑުވުމަކީ ވަރަށް ލުއި ގޮތަކަށް ރައްޔިތުންގެ މަޖިލީހަށް ނިންމުމުގެ ބާރު ދިނުމެވެ. މަޖިލީހުގެ ދައުރު އޮތުމާއި ރުހުން ހޯދުމަށް ގަރާރު ފޮނުވުމާއި ދެކޭ ގޮތެއް ކަނޑައެޅުމުގެ ބާރު އޮތުމެއް ނޫން ކަމަށެވެ. އެހެންކަމުން ސިއްހީ މާހިރުންގެ ލަފައާއެކު ނިންމާ ގޮތަށް ބިލަށް ބަދަލު ގެންނަން އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން މި އެދެނީ އެއް ގޮތަކަށް ވެސް މަޖިލީހުގެ ދައުރު ކުޑަކުރާކަށް. މަޖިލީހުގެ ދައުރު އޮންނަން ޖެހޭނެ. އެކަމަކު ކުޑަ ބަދަލެއް މި ބިލަށް ގެނެސްދޭން. އެއީ ސިއްހީ ކުއްލި ހާލަތުގެ ގަރާރާ މެދު މަޖިލީހުން މި ކަންކަން ނިންމަން ވާނީ ސިއްހީ މާހިރުންގެ ލަފައާއެކު ލަފާ ހޯދައިގެން ކަމަށް އިތުރުކޮށްލަދޭން،" ޑރ. ނިޔާފް ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާއަށް މެންބަރުން އެއްވެ ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތަށް މަޖިލީހަށް ކަނޑައެޅޭނެ ކަމަށް ބިލުގައި އޮތުމުން ވެސް ޑރ. ނިޔާފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ މިސްކިތްތައް ބަންދުކުރެވޭ ހާލަތަށް ގެނެވޭނަމަ، މަޖިލިސް ވެސް ބަންދުކޮށް މެންބަރުން ގޭގައި ތިއްބަވައިގެން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.

ހެލްތު ޕްރޮފެޝަންސް ޔުނިއަންގެ ފަރާތުން އިސްމާއީލް ޒާހިރު ވާހަކަ ދައްކަވަމުން ވެސް ސިއްހީ ކުއްލި ހާލަތުގެ ގަރާރު ބާތިލް ކުރުމާއި ގަރާރަށް ބޭނުންވާ ބަދަލެއް ގެންނަން މަޖިލީހަށް ބާރު އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މަޖިލީސް ކުރިއަށް ގެންދެވޭނީ ވެސް ސިއްހަތު ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދެވޭނީ ވެސް ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށްގެން ކަމަށެވެ.

"ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް ބަދަލުތައް ގެނައުމުގެ ބާރު މަޖިލީހަށް އޮންނަ ގޮތަށް މި ގެންނަނީ ގާނޫނީ ކަންކަން ފާހަގަކޮށްފައި، ހައްގުތަކެއް ހިފެހެއްޓުމާއި ގާނޫނު އަސާސީގައިވާ ކުއްލި ހާލަތުގެ ބާބު އެބަ ފާހަގަކުރޭ، ސިއްހަތު ރައްކާތެރިނުކޮށް އެއްވެސް ހައްގެއް ކަށަވަރުކުރެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ޒާހިރު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރައްވާ ޑރ. އިބްރާހިމް ސައީދު ވިދާޅުވީ ބިލަށް ހިޔާލު ފާޅުކުރާ ސިއްހީ ދާއިރާގެ ބޭފުޅުންނާއި އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތަކުން އޭނާއަށް ފާހަގަކުރެވުނީ "ޕަވަ ސްޓްރަގަލް" ނުވަތަ ބާރުތަައް އޮންނަންވީ ގޮތާ މެދު ހިޔާލު ތަފާތުވުމެއް އުޅޭ ކަން ކަމަށެވެ.

ޑރ. އިބްރާހިމް ސައީދު ވިދާޅުވީ، ސިއްހީ މާހިރުން ވަރަށް ބޮޑަށް ބަހުސްކޮށް ދެއްވާ ލަފައެއްގެ މަތިން އިއުލާން ކުރެވޭ ސިއްހީ ކުއްލި ހާލަތެއްގެ ގަރާރެއް ބާތިލް ކުރުމުގެ ބާރު މަޖިލީހަށް ދެވޭ ގޮތަށް ހަމަޖައްސާނަމަ ވަރަށް ބޮޑަށް ވަށައިޖެހެން ޖެހޭނެ ކަމަށެވެ. ސިއްހީ މާހިރުންގެ ލަފާ ހޯދަން ލާޒިމުވާ ގޮތަށް ބިލް ބައްޓަން ވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ޕަވަ ސްޓްރަގަލްއެއް މި އޮތީ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތަންފީޒު ކުރެވޭނެ ގޮތަށް ބިލު އޮންނަން. ގަރާރު ބާތިލްކޮށްފިނަމަ ޑޮކްޓަރުން މަސައްކަތް ކުރާނީ ދެން ކިހިނެއްތޯ. ހޮސްޕިޓަލްތައް ފުރިގެން ދާއިރު ވެސް ހަމަ ހޭބޯނާރާ މަސައްކަތް ކުރާނީތޯ." ޕެނަލްގައި ތިއްބެވި މަޖިލިސް މެންބަރުންނަށް ސައީދު ސުވާލު އަމާޒު ކުރެއްވި އެވެ.

ސިއްހީ ބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕެނަލްގައި ތިއްބެވި ބިލު ހުށަހެޅުއްވި މެންބަރު މުހައްމަދު ރަޝީދާއި، ބިލް ދިރާސާކުރަމުންދާ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ފާހަގަ ކުރެއްވީ ގާނޫނު އަސާސީގައި މަޖިލީހަށް ދީފައިވާ ބާރުތަކެވެ.

މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބިލުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ އިޖުރާއަތްތަކުގެ ބާބު އޮންނާނީ ގާނޫނު އަސާސީގައި ރައީސްއަށް ލިބިދޭ ބާރުގެ ދަށުން އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ރުހުން ހޯދުމަށް އޮންނަ އިޖުރާއަތްތައް އެ އޮތް ގޮތަށް ކަމަށެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް މަޖިލީހުގެ ދައުރު އޮންނަން ޖެހޭނެ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިންތި ވެސް ވިދާޅުވީ، ގާނޫނު އަސާސީގައިވާ ކުއްލި ހާލަތު އިއުލާން ކުރަން ޖެހޭ ހާލަތްތަކުގެ ތެރޭގައި ވެސް ނުރައްކާތެރި ބަލިމަޑުކަމެއްގެ ވާހަކަ އޮންނަ ކަމަށާއި އެ ކަމަށް ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމަށެވެ. ދައުލަތުގެ ތިން ބާރު އަބަދުވެސް ހިނގަހިނގާ އޮންނަން ޖެހޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުމުން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ވާދަވެރި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.