ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުން ދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ނަން ހާމަ ނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި މިނިސްޓަރު މަހުލޫފްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދަން މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކަމަށެވެ. އެ މައްސަލާގައި އޭނާ މެންބަރުންނާ ލޮބީ ކުރައްވަން ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މިހާތަނަށް މަހުލޫފްގެ އިތުބާރު ނެތް ކަމަށް ޕެޓިޝަންގައި އެއްވެސް މެންބަރަކު ސޮއި ކުރައްވަން އެއްބަސްވެފައި ނުވާ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
މަހުލޫފްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެންމަތިވެފައިވެފައި މިވަނީ އެފްއޭއެމްގެ އިންތިހާބު މައްސަލާގައި މަހުލޫފާއި އާޒިމްގެ ދެމެދު ގުޅުން ގޯސްވެފައި ވަނިކޮށެވެ. މަހުލޫފް މިއަދު މަޖިލީހުގައި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އުޅުއްވީ އެ އިންތިހާބު ހުއްޓުވާލަން ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑު ލައްވައި އާޒިމް ވަރަށް ހަޑި ކަންކަން ކުރުއްވަން އުޅުއްވާތީ ވަރަށް ދެރަވާ" ކަމަށެވެ.
މަހްލޫފު އެހެން ވިދާޅުވުމާ އެކު މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އެ ވާހަކަތައް ހުއްޓުވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރަށް ޖެހިވަޑައިގަންނަވަނީ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަން ކަމަށެވެ. އަދި އޭގެ ބޭރުން ވާހަކަފުޅު ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ މަޖިލީހުގައި މެންބަރުން ވަނީ މިނިސްޓަރު މަހުލޫފްގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައި އެކަން ފާހަގަ ވެސް ކުރައްވާފަ އެވެ.
މިފަހުން މަހުލޫފް ދެއްވި އިންޓަވިއުއެއްގައި ވެސް އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އެގޮތުން، އެފްއޭއެމްގެ މައްސަލާގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ނަމަވެސް އެކަން ކޮށްފިނަމަ ވެސް ގެއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މަގާމު ދިފާއު ކުރެއްވުމަށް ކޮންމެ ކޮންމެ ނުކުރައްވާނެ ކަމަށާއި އޭނާ އަމަލު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދަށް ކަމަށެވެ.