ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދިއްލީގައި ކޮންމެ ހަތަރަކުން އެކަކަށް ކޮވިޑު ޖެހިފައި

Jul 21, 2020

ނިއު ދިއްލީ (ޖުލައި 21) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ގައި ދިރިއުޅޭ ކޮންމެ ހަތަރު މީހަކުން އެކަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސަރުކާރުން ހެދި ދިރާސާގައި ބުނެފައިވަނީ، ޓެސްޓުކުރި 21،387 މީހުންގެ ތެރެއިން 23.48 ޕަސަންޓު މީހުންގެ ހަށިގަނޑުން ކޮވިޑް-19 އިގެ އެންޓިބޮޑީސް ފެނިފައިވާ ކަމަށެވެ.

އެ އަދަދުތަކަށް ބަލާއިރު، މިހާރު ކޮންފާމްޑް ކޭސްތަކަށްވުރެ އިތުރަށް ދިއްލީގައި ބަލިފެތުރިފައިވާ މިންވަރު ހާމަވެފައިވާކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

ނިއު ދިއްލީގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހުރީ 123،747 ގަ އެވެ. އެއީ އެ ސިޓީގެ 19.8 މިލިއަން އާބާދީގެ އެންމެ ޕަސަންޓެކެވެ.

ނަމަވެސް، ހަށިގަނޑުން އެންޓިބޮޑީސް ފެނިފައިވާ 23.44 ޕަސަންޓުގެ ނިސްބަތުން ބަލާނަމަ، ދިއްލީގައި 4.65 މިލިއަން މީހުނަށް އެ ބަލިޖެހިފައިވާކަމަށް ދައްކަ އެވެ.

އެ ދިރާސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ކޮންފާމްޑް ކޭސްތަކާ އަޅާބަލާއިރު، ބަލި ޖެހުނު ގިނަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައިނުވާ ކަމަށެވެ.

މި ދިރާސާގެ ސަބަބުން، ދިއްލީގައި ބަލި ފެތުރޭ ގޮތް ދެނަގެނަ، ކޮންޓްރޯލްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކަމާބެހޭ އިދާރާތަކަށް ފަސޭހަވެގެންދާނެކަމަށް ވެސް ބައެއް މާހިރުން ވަނީ ބުނެފަ އެވެ.