މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަން ޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިހާރު ގާނޫނެއް ފާސް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެ އެވެ.
އަލީ މިހެން ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަ ބިލާމެދު ސިއްހީ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެ ބަދަލު ރަނގަޅު ކަމަށް ވިދާޅުވެ ޑރ. އަބްދުލް އަޒީޒް ޔޫސުފް އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.
އެ ފޯރަމްގައި އަޒީ ބައިވެރިވެވަޑައި ގެންނެވީ މަޖިލިސް ތަމްސީލް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާއަކީ ހިންނަވަރު ދާއިރާގެ މެންބަރުގެ ޅިޔަނެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަ ބިލަށް ތާއީދުކޮށް އަޒީ ވަނީ ވާހަކަ ދައްކަވާފަ އެވެ.
އަޒީ ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނައި ނަމަވެސް ސިއްހީ މާހިރުންގެ ބަހެއް ނުހޯދާ އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އަދި އެ ބިލްގައިވާ އިސްލާހު ވަރަށް ބޮޑަށް ދިފާއު ކުރައްވާ ވިދާޅުވީ އެ އިސްލާހާ ދެކޮޅު ހައްދަވާ ބޭފުޅުން އެގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ބިލް އެކުގައި ނުބައްލަވާތީ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު، އަދި ގާނޫނީ ވަކީލު، އަލީ ވިދާޅުވީ އަޒީއަށް އިހުތިރާމް ކުރައްވާ ކަމަށާ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަން ވެސް އަލީ ހަނދާން ކޮށްދެއްވި އެވެ.
"އިހުތިރާމާއެކު ދަންނަވަން ޖެހެނީ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސްކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް. މިއީ ރިޔާސީ ނިޒާމެއްކަން ވެސް ހަނދާން ކުރަންޖެހޭ،" އަލީގެ ޓްވީޓްގައި ވެއެެވެ.
އެކަމާ ގުޅޭގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އުޝާމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ކުރިން ވެސް މިހާރު ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ސިއްހީ މާހިރުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް ބިލަށް ބަދަލު ގެނައުން މުހިންމު ކަމަށެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުމަށް ތާއީދެއް ނުކުރެވޭ. އެހެން ނަމަވެސް އެކަން ނިންމުމުގައި މިހާރަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ގޮތުމަށް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެެކެން،" އުޝާމް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ފޯރަމްގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ވެސް ތަމްސީލު ކުރައްވާ ޑރ. ނިޔާފު ވިދާޅުވީ ސިއްހީ ކުއްލި ހާލަތުގެ ގަރާރު ބާތިލް ކުރުމާއި ގަރާރަށް ބޭނުން ބަދަލެއް ގެނައުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށް އެކަނި އޮތުމުން ސިއްހީ މާހިރުންގެ ލަފާ ނެތި އެ ކަންކަން ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން ސިއްހީ މާހިރުންގެ ލަފައާއެކު ނިންމާ ގޮތަށް އެ މާއްދާ ބަދަލުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.