އެތުލެޓިކްސް އެސޯސިއޭޝަން (އޭއޭއެމް) ގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާ، މިހާރުގެ ރައީސް މުހައްމަދު ތޮލާލް އާ ވާދަ ކުރަން ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ކުރިމަތި ލައިފި އެވެ.
ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޔަޒޫ ވަނީ، 11 އަހަރު ވަންދެން އޭއޭއެމްގައި މަސައްކަތް ކޮށްފައެވެ. މިއަދު
އަވަސްއާ ވާހަކަ ދައްކަމުން ޔަޒޫ ވިދާޅުވީ ރައީސްކަމަށް ކުރިމަތި ލެއްވީ ދެ ޖިންސުގެ އެތުލީޓުންގެ މެދުގައި އޮންނަ ތަފާތު ކުރުން ނައްތާލައި އިސްލާހީ ބަދަލުތަކެއް އެސޯސިއޭޝަންގެ ހިންގުމަށް ގެނައުމުގެ އަމާޒުގައި ކަމަށެވެ.އަދި ފިރިހެން ދުވުންތެރިންނަށް ލިބޭ ފުރުސަތުތައް އަންހެން ދުވުންތެރިންނަށް ނުލިބުމުގެ ކަންބޮޑުވުންތަކާއެކުގައެވެ. އޭނާގެ އެންމެ ބޮޑު އަޒުމަކީ އެތުލެޓިކްސް އާ ގުޅޭ އެކި ކަންކަމުގައި އޮންނަ ދޭދޭ ތަފާތުން ކުރުންތައް ނައްތާލުން ކަމަށް ވިދާޅުވިއެވެ.
ޖެހިޖެހިގެން ދެ ވަނަ ދައުރު ފުރިހަމަ ކުރުމަށް ފަހު ތިން ވަނަ ދައުރަކާ ކުރިމަތި ލެއްވި ތޮލާލްގެ ދައުރުގައި ސަރަހައްދީ ދެ ގޭމްސްއިން ފުރަތަމަ ރަން މެޑަލް ރާއްޖެއަށް ހޯދި އެވެ. ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދީ ތޮލާލްގެ ފުރަތަމަ ދައުރުގަ އެވެ. ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްފައި ރާއްޖޭގެ ފުރަތަމަ ރަން މެޑަލް ސާއިދު ހޯދީ ތޮލާލްގެ ދެވަނަ ދަުރުގެ ފަހުޚޮޅުގަ އެވެ.
ތިން ވަނަ ދައުރަކަށް އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކޮށް ކުރެއްވި ޓްވީޓްގައި ތޮލާލް ވިދާޅުވީ ތިން ވަނަ ދައުރަކަށް ކުރިމަތި ލެއްވީ ގިނަ ބައެއްގެ މަޝްވަރާއާ އެކު ކަމަށެވެ.
އަންނަ ބުދަ ދުވަހު ބާއްވާ އިންތިހާބުގައި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ އަހްމަދު އާޒިލް އެވެ. ހަޒާންދާރުކަމަށް ކުރިމަތި ލައްވާފައި ވަނީ ކުރިން ހަޒާންދާރުކަން ކުރެއްވި މުސްތޮފާ މުހައްމަދެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތި ލައްވާފައި ވަނީ ހުސައިން އަމީން ނާސިރުއާ މުހައްމަދު ޝުޖާއުއާ މުހައްމަދު ޝާހިދުއާ އިބްރާހިމް އުމަރު އަދި އަހްމަދު ޝާގީފް އެވެ. އެކްސކޯގެ އަނެހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ ވަނީ ޔާސްމީން އަބްދުﷲ އެވެ.