ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓާއި ޖިމް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރެސްޓޯރަންޓް ހިންގުމުގެ ޕްރޮޕޯސަލް އާއި މަޖިލީހުގެ ޖިމް ހިންގުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އޭގެ އިއުލާނެއް ނެރެދެއްވާނެ ކަމަށެވެ.
މަޖިލީހުގެ ސޯޝަލް ކްލަބް އިން އިސް ނަގައިގެން މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓްއަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވަން ވެސް ނިންމާފައިވެ އެވެ. އެ ކްލަބްގައި ތިބެނީ މަޖިލީހުގެ އެ ވަގުތެއްގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންނެވެ.
މަޖިލީހުގައި ހުޅުވާ ފިހާރާގައި ލިބެން ހުުންނާނީ ޖަލްސާތަކުގެ ޔައުމިއްޔާ އާއި މަޖިލީހުން ފާސްކުރާ ގާނޫނުތައް ހިމެނޭ ފޮތްތަކެވެ. އަދި ހުޅުވާ ރެސްޓޯރަންޓްގައި ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ ފުރުސަތުތައް ވެސް މެންބަރުންނަށް ލިބިގެންދާނެ އެވެ.