އަސަދު މިހެން ވިދާޅުވެފައި މިވަނީ ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް އާއި ދެކޮޅަށް ރަޝިޔާއިން ވައިގެ ހަމަލާތައް އިތުރު ކޮއްފައި ވަނިކޮށެވެ.
އެމެރިކާ އިސްވެ އޮވެ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ސީރިޔާއާއި އިރާގުގައި ދިން ހަމަލާތަކުގެ ސަބަބުން ޓެރަރިސްޓުންނަށް ލިބުނީ ކުރިއެރުން ކަމަށާއި ހަނގުރާމަވެރިން ވީ އިތުރު ކަމަށް އަސަދު ވިދާޅުވިއެވެ. އަދި ރަޝިޔާ ކޯލިޝަނަށް މިކަން ބަދަލުކޮށް ނަތީޖާ ނެރެދެވިދާނެ ކަމަށް ވެސް އަސަދު ވިދާޅުވި އެވެ. ރަޝިޔާ ކޯލިޝަންގައި ހިމެނެނީ ސާރިޔާގެ އިތުރުން އީރަނާއި އިރާގެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން ބުނަނީ ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ޓެރަރިސްޓުންނަށް ކުރިއެރުން ލިބޭ ކަމަށާއި އަސަދު ދިފާއުކުރަން އުޅުމަކީ ރަޝިޔާއަށާއި މުޅިދުނިޔެއަށް ވެސް ހެދޭ ގޯހެއް ކަމަށެވެ.
އައިއެސް އާއި ކުރިމަތި ލުމުގައި ކާމިޔާބު ލިބެމުން ދާ ކަމަށް ރަޝިޔާއިން ބުނެފައިވާއިރު، އެންމެ ފަހުން ރަޝިޔާއިން ދިން ވައިގެ ހަމަލާތައް ވެސް އަމާޒުވީ ސަރުކާރާއި އިދިކޮޅު ފްރީ ސީރިއަން އާމީ އަށް ކަމަށާއި އައިއެސް އަށް ނޫން ކަމަށް ހަމަލާތައް އަމާޒުވި ސަރަހައްދުގެ އާންމުން ބުނެއެވެ.
ސީރިޔާގައި ހަމަނުޖެހުން އިތުރުވެ އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަވެރި ގުރޫޕުތައް ނިކުމެ ގައުމު ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުނީ 2011 ވަނަ އަހަރުއެވެ. ސީރިޔާއަށް ސިޔާސީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތައް ނަކާމިޔާބު ވެފައި ވާއިރު ހަނގުރާމަ ވެރިން ބުނަނީ މަޝްވަރާގެ މޭޒަށް އަންނާނީ ވެސް އަސަދުގެ އިސްތިއުފާއަށް ފަހު ކަމަށެވެ.