ހައިކޯޓް

ހައިކޯޓް ހިންގުން ފަނޑިޔާރު ޝުއައިބަށް

ހައިކޯޓް ހިންގުން އެ ކޯޓްގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާ ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން ބުނީ ޝުޖާއުގެ މައްޗަށް ތަހުގީގު ކުރަމުންދަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ގއ. ގެމަނަފުށްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމާއި ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާކަމުގެ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިމުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއުއަށް މިދިއަ ހޯމަ ދުވަހު ދީފައިވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރެއްގެ ސުލޫކާ ހިލާފު ގިނަ ތުހުމަތުތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ ޝުޖާއު ވަގުތީ ގޮތުން މަގާމުން ދުރުކޮށްފައިވަނީ ދެ މަސް ދުވަހަށެވެ.

ޖޭއެސްސީން މިއަދު ބުނީ މިއަދުން ފެށިގެން ހައިކޯޓްގެ ހިންގުން ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާ ހަވާލު ކުުރުމަށް ނިންމާފައިވާ ކަމަށެވެ. ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްމެއެވެ. އޭނާ އެމަގާމަށް އައްޔަންކުރީ ޖޫން 13، 2019 ގައެވެ.