ދުނިޔެ

އުދުހުން މަނާކުރުމުން ގަތަރު އެއާވޭސުން ބަދަލު ހޯދަނީ

Jul 22, 2020

ދޯހާ (ޖުލައި 22) - ދީނީ ހަރުކަށި ވިސްނުމަށް ހިތްވަރުދޭކަމަށް ބުނެ އަރަބި ހަތަރު ގައުމަކުން ގަތަރާ ހާރިޖީ އަދި ދަތުރުފަތުރު ކުރުމުގެ ގުޅުން ކަނޑާލުމުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ގަތަރު އެއާވޭސް އިން އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސައުދީގެ އިތުރުން، ޔޫއޭއީ، ބަހުރެއިން އަދި މިސުރުން ގަތަރާއި ހާރިޖީ އަދި ދަތުރުފަތުރު ކުރުމުގެ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ގަތަރު އެއާވޭސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހަތަރު ގައުމުން ސީދާ އެ އެއާލައިނަށް އަމާޒުކޮށް އެޅި ފިޔަވަޅުގެ ސަބަބުން، އެ ގައުމުތަކުގައި ކުރި އިންވެސްޓުމަންޓުތައް ބަންދުކޮށް، އެ ކުންފުނީގެ އެހެން އޮޕަރޭޝަންތަކަށް ބުރޫއެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

އަދި އެކަން ކޮށްފައިވަނީ އެ ހަތަރު ގައުމުގެ ސިވިލް އޭވިއޭޝަން އިދާރާތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ހިލާފަށް ކަމަށް ގަތަރު އެއާވޭސް އިން ބުންޏެވެ.

އެގޮތުން، އެ ހަތަރު ގައުމުގެ ފަރާތުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ހޯދުމަށް އެ އެއާލައިނުން ވަނީ ހުށަހަޅައިފަ އެވެ.

ގެއްލުމުގެ ބަދަލު ހޯދަން ގަތަރު އެއާވޭސުން ފަށާފައިވަނީ، ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާ ހިލާފުވެފައިވާކަމަށް ބުނެ ދޯހާއިން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނަށް ހުށަހެޅި މައްސަލައެއް ބެލޭނެކަމަށް އދ. އެންމެ މަތީ ކޯޓުން މިދިއަ ހަފްތާގައި ކަނޑައަޅާފައިވަނިކޮށެވެ.