ފިނިޕޭޖް

ކާދަރް ޚާނާއި އަމީތާބުގެ ގުޅުން ގޯސްވީ ހެއްވާ ސަބަބަކާ ހުރެ

އަމީތާބު ބައްޗަންގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށީ 1970 ގެ އަހަރު ތަކުގަ އެވެ. އޭރުއްސުރެ އައްޑިހައިގެ އަހަރުތަކުގައި ވެސް އަމީތާބު ވަރުގެ ތަރިއަކު ބޮލީވުޑުން ފެނިފައެއް ނެތެވެ. އަދި މިހާތަނާ ޖެހެންދެން ވެސް ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެކްޓަރުގެ މަގާމު އޮތީ ހަމަ އަމީތާބަށެވެ.

އަމީތާބާ އެކުއެކުގައި ބޮލީވުޑްގައި މަސައްކަތް ކުރަން ފަށައިގެން ކުރިޔަށް ދިޔަ އެކްޓަރުންގެ ތެރޭގައި ކާދަރް ޚާން ހިމެނެ އެވެ. އޭނާއަކީ އަމީތާބު ވަރުގެ މަޝްހޫރު މީހަކަށް ނުވި ނަމަވެސް ކާދަރް ކުޅުނު ކޮންމެ ރޯލެއްގައި ވެސް އޭނާއަކީ ހަނދާން ނައްތާ ނުލެވޭނެ މީހެއްކަން ދައްކާފައި ވެއެވެ.

މޮޅު އެކްޓަރެއްގެ އިތުރުން އޭނާ އަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެ ދުވަސްވަރު ރިލީޒްކުރި ވަރަށް ގިނަ ފިލްމުތަކަށް ކާދަރް ޚާން ވަނީ ސްކްރިޕްޓް އާއި ޑައިލޯގް ލިޔެދީފަ އެވެ. ހެއްވާ މަޖާ ޑައިލޯގްތައް އޭނާ ލިޔެލާފައި ހުންނަލެއް މޮޅުކަން އެ ދުވަސްވަރުގެ ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކަށް ފާހަގަ ކުރެވޭނެ އެވެ.

އެ ޒަމާނުގައި އަމީތާބާއި ކާދަރްގެ މެދުގައި ގާތް އެކުވެރިކަމެއް އޮތެވެ. ދެ މީހުން އެކުގައި ގިނަ ފިލްމުތަކެއް ކުޅެމުން ދިއުމުގެ ސަބަބުންނާއި އަމީތާބު ކުޅެފައިވާ ގިނަ ފިލްމުތަކެއްގެ ސްކްރިޕްޓާއި ޑައިލޮގް ކާދަރް ލިޔެފައި ވާތީ އެވެ. ނަމަވެސް ކުއްލިއަކަށް އެއް ދުވަހަކު މި ދެ އެކްޓަރުންގެ އޮތް އެކުވެރިކަމަށް ބަދަލު އައެވެ.

ވަރަށް ކުރިން ކާދަރް ދީފައިވާ އިންޓަވިއު އެއްގައި އަމީތާބާއި އޭނާގެ ގުޅުން ގޯސްވި ސަބަބު ކިޔައިދީފައި ވެއެވެ. މިހާރު މި އިންޓަވިއު އަނެއްކާވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. ކާދަރްގެ އިންޓަވިއުގައި ބުނެފައިވާ ގޮތުން ނަމަ އަމީތާބު އޭނާ ދެކެ ރުޅިއައީ ވަރަށް ހެއްވާ ސަބަބަކާ ހެދި އެވެ. "ސަރު ޖީ" ނުކިޔައިގެނެވެ.

"އަހަރެން އަބަދުވެސް އޭނާ [އަމީތާބު] އާ މުޚާތަބު ކުރަނީ އަމިތު ކިޔާފައި. އެއް ދުވަހަކު ސައުތު އިންޑިއާގެ ޕްރޮޑިއުސަރެއް އަހަރެން ކައިރީ އެހި ސަރް ޖީ އާ ބައްދަލުވީހޭ. އަހަރެން ބުނިން ކޮން ސަރް ޖީ އެއްހޭ. އެހެންބުނީމަ އޭނާ އަމީތާބާ ދިމާލަށް އިނގިލި ދިއްކޮށްފަ ބުނެފި އެހެރަ ދިގު މީހާ އޭ. އަހަރެން ބުނިން އެއީ އަމީތާބު ނޫންހޭ! ކޮންއިރަކުހޭ އޭނަ ސަރް ޖީ އަކަށްވީ؟ ދެން ޕްރޮޑިއުސަރު ބުނެފި އަހަރެމެން މިއަދުގެ ފަހުން އޭނާ އާ މުޚާތަބު ކުރާނީ ސަރް ޖީ ކިޔާފައޭ... އެހިސާބުން ސެޓުގައި ތިބި އެންމެން ވެސް އަމީތާބަށް ސަރް ޖީ އޭ ކިޔާފައި މުޚާތަބު ކުރަން ފެށި،" ކާދަރްގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.

އޭނާ ބުނި ގޮތުގައި އުޅެ އުޅެ ވެސް އޭނާއަކަށް އަމީތާބަށް ސަރް ޖީ އޭ ކިޔާފައެއް ނުގޮވުނެވެ. އެހެންވެ އޭނާ އެ ގްރޫޕުން މުޅިން ބޭރުވީ އެވެ.

"އެއްވެސް މީހަކު އޭނާގެ އެއްބަނޑު އެއްބަފާ އަޚަކަށް ނުވަތަ ވަރަށް ގާތް އެކުވެރިއަކަށް އެފަދަ ނަމަކުން މުޚާތަބު ކުރާނެތަ؟ އަހަރެންނަށް އެހެންވެ އެކަން ނުވީ! އަހަންނަށް ހީވަނީ އެއީ ހެން އަމީތާބާއި އަހަރެންގެ ގުޅުން ކެނޑެން މެދުވެރިވީ ސަބަބަކީ،" ކާދަރް ބުންޏެވެ.

ކާދަރް ދެއްކީ ކޮން ދުވަސްވަރެއްގެ ވާހަކައެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ހާދިސާއަށްފަހު ގިނަ ފިލްމުތަކަކުން އޭނާ ބޭރުކޮށްލިކަމަށް ކާދަރް ބުންޏެވެ.

"ޚުދާ ގަވާ" އަކީ އެގޮތުން ކާދަރް އަށް ސަރް ޖީ ނުކިޔައިގެން ގެއްލުނު އެއް ފިލްމެވެ. އަދި "ގަންގާ ޖަމުނާ ސަރަސްވަތީ" ގެ ސްކްރިޕްޓްގެ ވެސް އެއްބައި ލިޔެފައި އަނެއްބައި ނުލިޔެ ދޫކޮށްލީ ކަމަށް ބުންޏެވެ. އަދި އޭގެ ފަހުގެ ގިނަ ފިލްމުތަކަކުން އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ.