ލައިފްސްޓައިލް

ދެ ހަފުތާތެރޭ މަންމައަކާއި ފަސް ދަރިން ކޮވިޑްގައި މަރުވެއްޖެ

އިންޑިޔާގެ ޖަރްކަންޑްގެ ދަންބާދުގެ އާއިލާއަކަށް ކޮވިޑް-19 އިގެ ސަބަބުން ވަރަށް އާދަޔާޚިލާފު ހިތާމަވެރި ހާދިސާއެއް ކުރިމަތިވެއްޖެ އެވެ. އެންމެ ދެ ހަފުތާ ތެރޭ އެ އާއިލާގެ ހަ މީހަކު ކޮވިޑް ޖެހިގެން ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

މީގެ ތެރެއިން 88 އަހަރުގެ އަންހެންމީހާ އަދި މަރުވި ފަސް މީހުންގެ މަންމަ މަރުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޮކާރޯގައި ހުންނަ ނާސިން ހޯމެއްގަ އެވެ. ފަހުން މި އަންހެންމީހާގެ 65 އަހަރުގެ ދަރިއަކާއި 67 އަހަރުގެ ދަރިއެއް އަދި 72 އަހަރުގެ ދަރިއަކާއި 70 އަހަރުގެ ދަރިއެއް ކޮވިޑް ޖެހިގެން މަރުވީ އެވެ. އަދި 60 އަހަރުގެ ދަރި ވެސް އޭގެ 10 ދުވަސް ފަހުން އެހެން ހޮސްޕިޓަލެއްގައި ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން އެއް ދަރިއަކީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދިޔަ މީހެކެވެ.

ދަންބާދުގެ ސިވިލް ސާޖަން ގޯޕާލް ދާސް ވިދާޅުވީ އެ ސަރަހައްދުގެ އެއް އާއިލާގެ ހަ މީހުން އެންމެ ދެ ހަފުތާ ތެރޭ މަރުވެފައިވާ ކަމަށެވެ. އިތުރު ދެ މީހަކަށް ވެސް ބަލި ޖެހުނު ކަމަށާއި ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ގޯޕާލް ބުންޏެވެ.

މަރުވި އަންހެންމީހާގެ މުޅިއެކު ތިބެނީ ހަތް ދަރިންނެވެ. މީގެން ފަސް ދަރިން މަރުވުމުން މިހާރު ތިބީ އެންމެ ދެ ދަރިންނެވެ. އެންމެ ހަގު ފިރިހެންދަރިފުޅު ދިރިއުޅެނީ ދިއްލީ ގަ އެވެ. އަދި އަންހެންދަރިފުޅު ދިރިއުޅެނީ ކަލްކަތާގަ އެވެ. މި ދެ މީހުން ސަލާމަތްވީ އެހެން ރަށްތަކުގައި ދިރިއުޅޭތީ ކަމަށް ބެލެވެ އެވެ.

އެމީހުންގެ ދުރުތާ ތިމާގެ މީހަކު އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ އަންހެންމީހާ ދިރިއުޅެނީ ފިރިހެން ދަރިއަކާއެކު ދިއްލީގަ އެވެ. އޭނާ ދަންބާދު އަށް އައިސް ހުރީ އާއިލާގެ މީހެއްގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާށެވެ. ނަމަވެސް ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ކުއްލިއަކަށް މާ ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށް މަރުވީ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓީވްކަން އެނގުނީ މަރުވިތާ ތިން ދުވަސް ފަހުންނެވެ. އޭރު އާއިލާގެ އެހެން އެންމެންނަށް ވަނީ ބަލި އަރާފަ އެވެ. އަދި މި ބަލީގައި އަންހެންމީހާގެ ފަސް ދަރިން މަރުވީ އެވެ.

މި އާއިލާއަށް މިފަދަ ހިތާމަވެރި ކަމެއް ދިމާވެދާނެ ކަމަކަށް ދަންއާބާދުގެ ރަށްވެހިން ހުވަފެނުން ވެސް ނުދެކޭ ކަމަށާއި އެހެންވެ އެންމެން ވެސް ތިބީ ވަރަށް ހިތާމައިގައި ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.