ދެކުނު އިންޑިޔާގެ މަޝްހޫރު ސުޕަސްޓާ ޕްރަބާސްގެ ފިލްމެއްގައި ދީޕިކާ ޕަދުކޯން ބައިވެރި ކުރަން ބޭނުން ވިޔަސް މި މަސައްކަތް އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. މި ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު އިންޑިޔާގެ ނޫހަކަށް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ދީޕިކާ މި ފިލްމު ކުޅެދޭން ވަރަށް ބޮޑަށް ދެކޮޅުހެދި އެވެ. ނަމަވެސް ޕްރޮޑިއުސަރުން މި ފިލްމަށް ކޮންމެހެން ވެސް ދީޕިކާ ބޭނުންވާތީ އޭނާ އެއްބަސްވާ ވަރުގެ ބޮޑު އަގެއް ދޭން ހުށަހެޅީ އެވެ.
"މިހާރަކަށް އައިސް ދީޕިކާ ފިލްމެއް ކުޅެދޭ އަގު އުޅެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންނެކޭ ދާދި އެއް ވަރެއްގައި. ދީޕިކާ ގަބޫލު ކުރާ ގޮތުގައި ބަތަލުންނާއި ބަތަލާއިންގެ ފީ ތަފާތު ވެގެން ނުވާނެ. ޚާއްސަކޮށް އޭނާ އަށް ފިރިހެން އެކްޓަރަކަށް ދޭ ވަރަށް ދިނުން ހައްގުކަމަށް ދީޕިކާ ގަބޫލު ކުރޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.
އެންމެ ފަހުން ޕްރަބާސްގެ ފިލްމު ކުޅެދޭން ދީޕިކާ އެއްބަސް ކުރުވީ 20 ކްރޯޑު ރުޕީސް އަށެވެ. މިއީ މިހާތަނަށް ހިންދީ ފިލްމު ކުޅޭ އެއްވެސް ބަތަލާއަކަށް ފިލްމެއް ކުޅެން ލިބިފައިވާ ވަރެއް ނޫނެވެ. އެހެންވެ މި ފިލްމާއެކު ދީޕިކާ ވެފައިވަނީ ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އަށެވެ.
ޕްރަބާސް ފިލްމުގެ ސްކްރިޕްޓް ލިޔެފައި އޮތް ގޮތުން ބަތަލާއަކަށް ކުރާނެ މާ ގިނަ ކަންތައް ތަކެއް ނެތެވެ. އެންމެ ކުރިން ދީޕިކާ އެހާ ބޮޑަށް ފިލްމު ކުޅެން ދެކޮޅު ހެދީ އެހެންވެ އެވެ. ނަމަވެސް މިހާރު ސްކްރިޕްޓަށް ބަދަލު ގެނެސް ދީޕިކާގެ ރޯލު ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ދީޕިކާ އާއި ޕްރަބާސްގެ ފިލްމެއް ވަރަށް އަވަހަށް ފެށޭނެކަން އިއުލާން ކުރިތާ މާ ގިނަ ދުވަހެއް ނުވެ އިންސްޓަގްރާމްގައި މި ދެ ތަރިން އެކަކު އަނެކަކު ފޮލޯ ކުރަން ވަނީ ފަށާފަ އެވެ. ޕްރަބާސް މުޅިއެކު ވެސް ފޮލޯ ކުރަނީ އެންމެ ފަސް މީހުން ކަމުން މި ލިސްޓަށް ދީޕިކާ އެރުމުން ފިލްމުގެ މަސައްކަތް ކުރިޔަށްދާކަން ވަނީ ޔަގީން ކުރެވިފަ އެވެ. ޕްރަބާސް ފޮލޯ ކުރާ މަދު ތަރިންގެ ތެރޭގައި އޭނާ މިހާރު ކުޅެމުންދާ ފިލްމު "ރާދޭ ޝާމް" ގެ ބަތަލާ ޕޫޖާ ހެގްޅޭ އާއި އެންމެ ފަހުން ރިލީޒްކުރި "ސާހޯ" ގެ ބަތަލާ ޝްރައްދާ ކަޕޫރު ހިމެނެ އެވެ.
މި ފިލްމުގެ މަސައްކަތް ޕްރަބާސް ފަށާނީ އޭނާ މިހާރު ކުޅެމުންދާ "ރާދޭ ޝާމް"ގެ ޝޫޓިން ނިމުމުންނެވެ.