އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ އެންމެ ބޮޑު ތުހުމަތުތައް ކުރެވޭތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.
މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމަކީ ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ޕީޖީން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފަ އެވެ.
ނަމަވެސް އެ އަޑުއެހުމުގައި އަދީބު ބަންދުގައި ބެހެއްޓުމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ވަކި ގޮތެއް ނުނިންމަވަ އެވެ. މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ މިއަދު މެންދުރުފަހު 3:00 އެއްގައި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވާށެވެ.
ފަނޑިޔާރުންގެ ބެންޗުން އެ ގޮތަށް ކަނޑައެޅުއްވީ މިއަދުގެ އަޑުއެހުމަށް އަދީބު ވަކީލަކާ ނުލައި ހާޒިރުވެ، ވަކީލެއް ހަމަޖެއްސުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގަތުމުންނެވެ.
މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަބްލިކް ޕްރޮސެކިޓާ އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދެނީ މީގެ ކުރިން އޭނާ ފިލައިގެން ގޮސްފައި ވާތީ އަދިވެސް އެ ފުރުސަތު އޮތް ކަމަށް ދެކޭތީ އެވެ. އެހެންކަ މުން ވަކީލެއް ނެތި ވެސް އަޑުއެހުން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގައި ދައުލަތުގެ ފަރާތުން ފާހަގަ ކުރާ ގާނޫނީ ނުކުތާއަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނާ ގޮތުން މީހަކާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގައި އޭނާ ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ޓަކައި ނުވަތަ ފިލައިފާނެ ކަމަށް ދެކެވޭނަމަ އެ މީހަކު ބަންދުގައި ބަހައްޓަން ކޯޓަށް ކަނޑައެޅި ދާނެ އެވެ.
މީގެ ކުރިން އަދީބު ވަނީ ފިލައިގެން ގޮސްފަ އެވެ. އެފަހަރު ކަނޑުމަތީން އޭނާ ހައްޔަރުކުރީ އެވެ. ފަހުން ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކޮށްފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި އަދީބަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ، އޭނާ ފިލައިގެން ދިޔަ މައްސަލާގައި މިހާރު އެއް ފަހަރު ބަންދުކޮށް އެ މައްސަލާގައި ހުކުމް ވެސް ކޮށްފައިވާ ކަމަށާއި އަލުން ހަމަ އެ ކުށަށް ދެވަނަ ފަހަރަށް ބަންދުކޮށް އަދަބު ދެވިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން އަބަދުވެސް އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކަމަށާއި އެއް ތަނުން އަނެއް ތަނެއް ދެވެނީ ވެސް ފުލުހުންނާ އެކުގައި ކަމަށް ވުމުން އަލުން ފިލައިގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދީބު ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތުން އޭނާގެ އެތައް ހައްގެއް ގެއްލިފައިވާ ކަމަށާއި މި މައްސަލަ ބެލުމުގައި ގާނޫނީ އެތައް މައްސަލައެއް ހިމެނޭ ކަމަށެވެ. އެހެންކަމުން ވަކީލެއްގެ ފުރުސަތު ދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދީބު އެ ގޮތަށް އެދިވަޑައިގަތުން ތިން ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށް ފަހު، މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ޝުއައިބް ވިދާޅުވީ ބަންދުގެ މުއްދަތު ކަނޑައަޅާ އަޑުއެހުންތަކަކީ މާ ދިގު ކުރެވުން އޮންނަ މަރުހަލާއެއް ނޫން ކަމަށާއި އެ ކަމުގައި ދިގު ފުރުސަތުތަކެއް ނުދެވޭނެ ކަމަށެވެ. އެހެންކަމުން މިއަދު މެންދުރު ފަހު 3:00 ގައި އެ ކަމުގައި ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެއީ ދެވެން އޮތް އެންމެ ފަހު ފުރުސަތު ކަމަށެވެ.
އެކަމުގައި ދައުލަތުގެ ފަރާތުންނާއި އަދީބު ވެސް އިއުތިރާޒެއް ނުކުރެއްވުމުން މިއަދު މެންދުރުފަހު އަޑުއެހުން އޮންނާނެ ކަމަށް އިއުލާން ކުރައްވައި އަޑުއެހުން ނިންމަވާލެއްވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުންނެވުމަށް ފަހު އަދީބު އެންމެ ފަހުން މިނިވަންވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކޮށް ހުކުމް ކުރުމުންނެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފަހުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން ވެސް ހިމެނެ އެވެ. މި ދައުވާތަކަކީ އަދީބާއެކު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެކުލަވާލި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމް އިއްވަމުން އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައިވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ. އެކަމުގައި ހިމެނޭ ފަރާތްތައް އަމަލު ކޮށްފައިވަނީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ. އެހެންކަމުން އެހެން އޮތް ދައުވާތަކެއް ޝަރީއަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ ގޮތުން އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަންދުކޮށް ދައުވާ އުފުލަން ކަނޑައަޅާފައި އޮންނަ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ. އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަކީ ގާނޫނު ނުދަންނަ އެއްބަސްވުމެއް ކަމަށް ވެސް ކަނޑައެޅުއްވި އެވެ. އެ އެއްބަސްވުމުގައި އަދީބު މަޖުބޫރު ކޮށްގެން ސޮއިކުރެއްވި ކަމަަށާއި އެ ކަމުގައި އޭރުގެ ޕީޖީ އައިޝަތު ބިޝާމްއާއި އެސިސެންޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ވެސް ގާނޫނާ ހިލާފުވި ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.