ހަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އުފައްދައި ނިއުމާތު އައްޔަންކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަސްދީގުކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އުފައްދައި، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގް އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރައްވައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކުރައްވާފައިވާ ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީ ނަންބަރު ޖެއްސެވުމުގަިއ އެ އޮފީހުން ޖަހާނީ 483 ކަމަށް ވެސް ރައީސް މިއަދު ނިންމެވި އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ ނިއުމާތު ޝަފީގް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި އެވެ. އެއީ 70 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ނިއުމާތަކީ ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރެވެ. މީގެ ކުރިން ކުޑަކުދިންނަށް ކިޔަވައިދިނުމަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެ ގޮތުން ރާއްޖޭގައި ޕްރީ ސްކޫލްގެ ތައުލީމު ގާއިމު ކުރުމުގެ ގޮތުން ޔުނިސެފްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް ނިއުމާތު މަސައްކަތް ކުރައްވާފައިވެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރަން ރައީސް ސޯލިހް ފޮނުއްވީ ވެސް ނިއުމާތުގެ ނަން އެކަންޏެވެ. އެ މަގާމަށް މީހަކު އައްޔަން ކުރާނީ ރައީސް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ދިރާސާކޮށް ރުހުން ދޭ ބޭފުޅަކަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސްއަކީ މިނިވަން މުސްތަގިއްލު މަގާމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެ މަގާމަށް އައްޔަން ކުރާ މީހެއްގެ މުސާރައަކީ މަހަކު 35،000 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހު ފާސްކޮށްފައިވެ އެވެ.