ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ޝަރީއަތް ނިމެންދެން އަދީބު ބަންދުކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި ހުކުމްގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ރެމާންޑް ޖަލެއްގައި އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުފާނު މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން އެ ގޮތަށް އަމުކުރީ، އަދީބު ދޫކޮށްލައިފިނަމަ އޭނާ ފިލައިގެން ގޮސްދާނެ ކަމަށް ދެކޭތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން އެދުމާ ގުޅިގެންނެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލެއްވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެން ތިއްބެވީ، ފަނޑިޔާރު އަހުމަދު ނިޔާޒް އާއި ފަނޑިޔާރު ހުސައިން ވަޖީފް އެވެ.

މިއަދު ހެނދުނު ބޭއްވި ފުރަތަމަ އަޑުއެހުމަށް އަދީބު ވަޑައިގަތީ ވަކީލަކާ ނުލަ އެވެ. އަދީބު އެދިވަޑައިގަތީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޭނާއަށް ދެއްވުމަށެވެ. އަދީބު އެ ގޮތަށް އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ފުރުސަތު ދެއްވީ މިއަދު މެންދުރުފަހު 3:00 އަށް ވަކީލަކު ހަމަޖައްސަވައިގެން ވަޑައިގަތުމަށެވެ.

މެންދުރުފަހު ފެށި އަޑުއެހުމަށް އަދީބު ވަޑައިގަތީ ގާނޫނީ ވަކީލް މަހްފޫޒު ސައީދާ އެކުގަ އެވެ. އެ އަޑުއެހުމުގައި އަދީބުގެ ވަކީލު މަހްފޫޒް ވިދާޅުވީ، އަދީބު ފިލައިގެން ގޮސްދާނެތީ ދައުލަތުގެ ފަރާތުން މިހާރު ވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ، އަދީބުގެ ގޭގެ ބޭރުގައި ކެމެރާއެއް ހަރުކޮށް ފުލުހުންނަށް އޭގެ އެކްސެސް ލިބޭ ގޮތް ހެދުމާއި، އަދީބުގެ ގޭގައި ފުލުހުންގެ ސެކިއުރިޓީ ހަމަޖެއްސުމެވެ. މިހާރު ވެސް އަދީބަށް ދަތުރުކުރެވެނީ ފުލުހުންނާ އެކުގައި ކަމުން، އޭނާއަށް ފިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްފޫޒުގެ ވާހަކައަށް ރައްދު ދެއްވަމުން އަދީބުގެ ގޭގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަމުން ދަނީ އަދީބު އެ ގޮތަށް އެދިވަޑައިގެން އޭނާގެ ރުހުމާ އެކުގައި ކަމަށެވެ. އެ ނިންމެވުން ބަދަލުކޮށް ފުލުހުންގެ ސެކިއުރިޓީ ބަދަލު ކުރުމުގެ ފުރުސަތު އަބަދުވެސް އަދީބަށް އޮންނާނެ ކަމަށެވެ. އަދީބަކީ މީގެ ކުރިން ވެސް ސަލާމަތީ ބާރުތަކެއް ނޭނގި ފިލާފައިވާ މީހެއް ކަމުން އެ ކަމުގެ ގާބިލް ކަން އޭނާއަށް އަދިވެސް އޮންނާނެ ކަން ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ފިލައިގެން ގޮސްފަ އެވެ. އެފަހަރު ކަނޑުމަތީން އޭނާ ހައްޔަރުކުރީ އެވެ. ފަހުން ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކޮށް ނިންމާފައިވެ އެވެ.

ދައުލަތުގެ ވަކީލްގެ ވާހަކައަށް އަދީބުގެ ވަކީލް މަހްފޫޒު ވެސް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، އަދީބު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދޭ ސަބަބަކީ އޭނާ ފިލައިގެން ގޮސްދިއުން އެކަނި ކަމަށް ވުމުން، ޝަރުތުތަކާއެކު އަދީބު މިނިވަންކަމާއެކު ދޫކޮށްލެވޭނެ ކަމަށެވެ. އެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފް ރައްދުވާ ފަރާތުން ޝަރުތުތަކަކާއެކު އެއްބާރުލުން ދިނުމުގެ ގަރާރެއްގައި ސޮއިކުރައްވައި ދޫކޮށްލަން ކޯޓަށް ކަނޑައެޅިދާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ޝުއައިބް ވިދާޅުވީ، އަދީބަކީ މީގެ ކުރިން ވެސް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ސަލާމަތީ ބާރުތަކަށް ނޭނގި ފިލައިގެން ގޮސްފައިވާ މީހެއް ކަމަށެވެ. އަދީބަށް މިހާރު ހަމަޖައްސާފައިވާ ސެކިއުރިޓީއަކީ އޭނާ ބޭނުވެއްޖެ ހާލަތެއްގައި ނެގެން އޮތް ކަމެއް ކަން ދެ ފަރާތުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދީބަކީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ ސީރިއަސް ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ބޭފުޅަކަށް ވާތީއާއި މިހާރު ވެސް ފިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ފެންނާތީ ޝަރީއަތް ނިމެންދެން ރެމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރަށް އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވަމުންދާ އޭނާ ފާހަގަކޮށްފައިވާއިރު އެ ކަންކަމަކީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ކަރެކްޝަންސް ސާވިސްއަށް ހަމަޖައްސައިދެވޭނެ އިންތިޒާމު ތަކެއް ކަމަށް ފަނޑިޔާރު ޝުއައިބް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފަހުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންނާއި ހިޔާނާތުގެ ދައުވާތައް ހިމެނެ އެވެ. މި ދައުވާތަކަކީ އަދީބާއެކު ޕީޖީ އޮފީހުން އެކުލަވާލި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމް އިއްވަމުން އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައިވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ. އެކަމުގައި ހިމެނޭ ފަރާތްތައް އަމަލު ކޮށްފައިވަނީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ. އެހެންކަމުން އެހެން އޮތް ދައުވާތަކެއް ޝަރީއަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެ ގޮތުން އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަންދުކޮށް ދައުވާ އުފުލަން ކަނޑައަޅާފައި އޮންނަ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ. އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަކީ ގާނޫނު ނުދަންނަ އެއްބަސްވުމެއް ކަމަށް ވެސް ކަނޑައެޅުއްވި އެވެ. އެ އެއްބަސްވުމުގައި އަދީބު މަޖުބޫރު ކޮށްގެން ސޮއިކުރެއްވި ކަމަަށާއި އެ ކަމުގައި އޭރުގެ ޕީޖީ އައިޝަތު ބިޝާމްއާއި އެސިސެންޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ވެސް ގާނޫނާ ހިލާފުވި ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޕީޖީގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި އެވެ. ޖޭއެސްސީން ވަނީ އެ ގާޒީގެ ސުލޫކީ މައްސަލަތައް ބަލަން ފަށައި، ދެ މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.