ކުޅިވަރު

ޒައިދުގެ ފޯމް ސައްހަ ނޫން ކަމަށް ނިންމައިފި

އަންނަ ހޮނިހިރު ދުވަހަށް ތާވަލު ކޮށްފައިވާ ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލި ޒައިދު އަމްޖަދު ކެނޑިޑެސީ ފޯމު ސައްހަ ނޫން ކަމަށް، މައްސަލަ ބެލުމަށް ފަހު އިލެކްޓޯރަލް ކޮމިޓީން އޭނާއަށް އަންގައިފި އެވެ.

ސްވިމިން އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން، ކުރީގެ ފުޓްބޯޅަ ރެފްރީ އަލީ ސަލީމް ވިދާޅުވީ ޒައިދުގެ ކެނޑިޑޭސީ ސައްހަ ކަމަށް ބަލައިގެންފައި ނުވަނީ ސުންގަޑި ހަމަވި ފަހުން އޭނާ ފޯމު ހުށަހަޅާފައި ވުމުންނެވެ. ސްވިމިންގެ އިންތިހާބަށް ކުރިމަލުމުގެ އެންމެ ފަހު ވަގުތަކަށް އޮތީ މާޗް މަހުގެ 12 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ނިޔަލަށެވެ.

"ގަވާއިދުގައި މި އޮންނަނީ ސުންގަޑި ހަމަވާ ފަހުން ހުށަހަޅާ ފޯމް ބާތިލު ވާނެ ވާނެ ވާހަކަ، ރައީސް ކަމަށް ކުރިމަތިލެއްވި ކެނޑިޑޭޓް މައްސަލަ ހުށަހެޅުމުން އިލެކްޓޯރަލް ކޮމިޓީން ވާނީ އަންގާފައި ފޯމް ސައްހަ ނޫންކަމަށް ކަނޑައެޅި ސަބަބު،" ސަލީމް ވިދާޅުވި އެވެ. "އެސޯސިއޭޝަންގެ ކައުންޓަރަށް ފޯމް ލިބިފައި ވަނީ ސުންގަޑި ހަމަވިތާ ހަ މިނެޓް ފަހުން، އެހެންވެ ފޯމް ސައްހަ ނޫން ކަމަށް ކަނޑައަޅާފައި ވަނީ."

"އިލެކްޓޯރަލް ކޮމިޓީން މައްސަލަ ބަލުމަށް ފަހު އަންގާފައިވާނެ އިލެކްޓޯރަލް ކޮމިޓީން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ގާނޫނުގެ ތެރޭގައި ހަމަޖެހިފައިވާ އެހެން މަރުހަލާގެ ތެރެއިން ސްޕޯޓްސް ކޮމިޝަނަރަށް މައްސަލަ ހުށަހެޅުމަށް."

ޒައިދު ފޯމް ސައްހަ ނޫން ކަމަށް ކަނޑައެޅުމުން އޭނާ ތުހުމަތު ކުރަނީ އިންތިހާބަށް ކުރިމަތިލާފައިވާ މިހާރުގެ ރައީސް މުހައްމަދު އަބްދުސައްތާރު (ޗަންޕީ) އަށް ވާދަވެރި ކަމެއް ނެތި އިންތިހާބު ކާމިޔާބު ކޮށްދޭން ސްވިމިން އެސޯސިއޭޝަނުން ކުރި ކަމެއްގެ ގޮތުގަ އެވެ. އޭނާ ބުނީ، އޭނާގެ ފޯމް ހުށަހެޅިއިރު ސުންގަޑި ހަމަވެފައިވާ ކަމަށް ކަނޑައެޅީ ކޮންގޮތަކުންކަން އޭނާއަށް ސާފު ނުވާ ކަމަށެވެ. އަދި ފޯމް ހުށަހެޅުމުން ފޯމް ހުށަހެޅި ވަގުތާއި ތާރީހް އެނގޭނެ ގޮތަށް ލިޔުމުން ސްލިޕެއް ދީފައި ނުވާކަމަށް އޭނާ ބުންޏެވެ.

ރައީސް ކަމަށް ޗަންޕީ ކުރިމަތިލެއްވިއިރު ނައިބުރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ މިހާރުގެ ނައިބު ރައީސް އިސްމާއީލް އަލީގެ އިތުރުން އަހްމަދު ނިޔާޒު އެވެ. ހަޒާންދާރުކަމަށް ކުރިމަތި ލައްވާފައި ވަނީ އަލީ ޝާމީމް އެވެ. ކުލަބު ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާފައި ވަނީ އަހްމަދު ފަޔާޒު އާއި އަހްމަދު ފިރާސް އަފީފެވެ. ކޯޗާސް ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާފައި ވަނީ އަހްމަދު ޒުނައިޖް، އަހްމަދު ޒާހިދު އަދި މަރްޔަމް ނަފްހާ އެވެ. ޓެކްނިލަ މެންބަރުގެ ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާފައި ވަނީ އަހްމަދު ރާއިދު އަލީ އެވެ. އާންމު މެންބަރުގެ އަންހެން ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާފައި ވަނީ ހާދީޖާ އީސް، ރަހީމާ އަޑަމް އެވެ. އާންމު މެންބަރުގެ އަންހެން ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާފައި ވަނީ ހަސަން ސިރާރް އާއި އިސްމާއީލް ފަރުހާން އެވެ.

އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ސްވިމިމް ޕޫލް އިމާރާތް ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގަ އެވެ. އިންތިހާބީ ކޮންގްރެސް ފަށާނީ ހެނދުނު 10:30 ގަ އެވެ.