ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ތަހުގީގުތަކަށް އަދީބުގެ އެއްބާރުލުން ލިބޭ: ކޮމިޝަން

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެއްބާރުލުން ލިބޭ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ މައްޗަށެވެ. އަދީބުގެ މައްޗަށް އެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލި ބޮޑެތި ޖަލު ހުުކުމްތަކެއްވެސް އިއްވިއެވެ. ނަމަވެސް ފަހުން އެ ހުރިހާ ހުކުމްތަކެއް ވަނީ ބާތިލްކޮށްފައެވެ.

ނަަމަވެސް އޭގެ ފަހުންވެސް އަދީބުގެ މައްޗަށް އިތުރު ހަތް ދައުވާއެއް އުފުލިއެވެ. އެއީވެސް ބޮޑު ހިޔާނާތާ ގުޅުންހުރި މައްސަލަތަކެކެވެ. އެ މައްސަލަތައްވެސް މިފަހުން ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އެކަމާއި ގުޅިގެން ޕީޖީގެ ނުރުހުން ފަނޑިޔާރަށް އަމާޒުވިއެވެ. މިހާރު ފަނޑިޔާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ޕީޖީން އެދިގެން އަދީބުގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބަންދުކުރުމަށް މިއަދު ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިއަދު އެސެޓްސް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގަށް އަދީބުގެ އެއްބާރުލުން ލިބޭ ކަމަށެވެ. ނަމަވެސް އެއީ އެންމެ ފުރިހަމަ ގޮތުގައި ލިބޭ އެއްބާރުލުމެއްތޯ ނުވަތަ ނޫންތޯ ކޮމިޝަންގެ މެންބަރުންގެ މެދުގައިވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

"އަހުމަދު އަދީބްގެ ކޯޕަރޭޝަން ލިބޭ. ކޯޕަރޭޝަން ލިބޭ މިންވަރާމެދުވެސް އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަހުރި ތަފާތުތަކެއް. މިއަށްވުރެ ރަނގަޅަށް ކޯޕަރޭޝަން ލިބެންޖެހޭ، ލިބޭ ކޯޕަރޭޝަން ފުދެެއޭ.. މިއީ އަޅުގަނޑުމެންގެ ތެރޭގައިވެސް އުފެދޭ ސުވާލެއް. އެހެންވީމަ ކޯޕަރޭޝަން މިހާތަނަށް ނުލިބެއެކޭ ދަންނަވާކަން ނުކެރޭނެ،"

ތަހުގީގަށް އަދީބު ދެއްވާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވިފައިވޭތޯ ދެންނެވުމުން އައްސަދު ވިދާޅުވީ ހުރިހާ މައުލޫމާތަކީ ސައްތައިން ސައްތަ ސައްހަ މައުލޫމާތު ކަމުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ. ކޮމިޝަނުން ތަހުގީގު ކުރަނީވެސް ހޯދެން ހުރި މައުލޫމާތުތަކެއް ހޯދުމަށްފަހު ހަގީގަތަށް ވާސިލްވުމަށް ކަމަށް ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ އަދީބުގެ މައްސަލަތައް ކޯޓުން ބޭރުކޮށްލި ފަހުންވެސް އަދީބުގެ އެއްބާރުލުން ކޮމިޝަނަށް ލިބެމުންދިޔަ ކަމަށެވެ.

"އިހަކަށް ދުވަހަކު ކޯޓަކުން މައްސަލައެއް ބޭރުކޮށްލި ފަހުންވެސް އަޅުގަނޑުމެންނަށް ކޯޕަރޭޝަން ލިބޭ،"